ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި، ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި ހިންގި ފައިލޭރިއާ ސްކްރީނިންގ ޕްރޮގްރާމުގައި 15,000 އަށްވުރެ ގިނަ މީހުން ސްކްރީންކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މުޅި ރާއްޖޭގައި ހިންގި ފައިލޭރިއާ ސްކްރީނިންގ ޕްރޮގްރާމް ފެށީ މިދިޔަ ފެބްރުއަރީ މަހުއެވެ. މި ސްކްރީނިންގައި ބައިވެރިކުރީ ކޮންމެ ރަށަކުންވެސް ވަކި އަދަދަކަށް، ގުރުއަތުން ހޮވާލެވުނު 18 އަހަރުން މަތީގެ ދިވެހިންނާއި ބިދޭސީންނެވެ.
ފައިލޭރީއާ އަށް ޓެސްޓް ކުރެވޭނީ ލޭނަގައިގެން އެންޓިޖަން ޓެސްޓް ކިޓް ބޭނުންކޮށްގެންނެވެ. ޓެސްޓް ހެދުމަށްފަހު ޕޮޒިޓްވާ ފަރާތްތަކަށް ފައިލޭރިއާގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭސް، ސިއްހީ ޚިދުމަތްތެރިންގެ ބެލުމުގެ ދަށުން ވަނީ ދީފައެވެ. މިބޭސް ކާންޖެހޭނީ އެއްފަހަރުއެވެ. ޕޮޒިޓިވްވާ މީހުން މި ބޭސް ކެއުމުން އެމީހުންގެ ބައްޔަށް ފަރުވާ ކުރެވުމާއެކު، އެމީހުންގެ ފަރާތުން އެހެންމީހުންނަށް ބަލި ފެތުރުން ހުއްޓުވޭނެއެވެ.
ސަރުކާރަށް އަހަރެއްވުމާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމުކުރި ބުކްލެޓްގައި ބުނެފައިވަނީ މުޅި ރާއްޖޭގައި ފައިލޭރިއާ ސްކްރީނިންގ ސާވޭ ކުރިއަށްގެންގޮސްފައިވާ ކަމަށާއި، މީހުން ދިރިއުޅޭ 186 ރަށާއި، ރިސޯޓާއި ސިނާއީ ރަށްތައް ހިމެނޭހެން 9 ރަށެއްގައި ސާވޭ ހިންގާފައިވާ ކަމަށެވެ.
މި ސާވޭގައި 7,400 ދިވެހިންނާއި، 8369 ބިދޭސީން ސްކްރީން ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ސްކްރީނިންގ އިން ޕޮޒިޓިވްވި ހުރިހާ ފަރާތްތައް ވަނީ ފަރުވާ ފުރިހަމަކޮށްފައި ކަމަށާއި، ސާވޭގެ ނަތީޖާ އެނެލައިޒްކޮށް މި މަހުގައި ރިޕޯޓު ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

