ލުބްނާނުގެ ރައްޔިތުންނާއެކު ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ލުބްނާނުގެ މިނިވަން ދުވަހާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު ޢަޒްމީ މީހަތީއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ރައީސް މުއިއްޒުގެ މެސެޖުގައި، ލުބްނާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ޒަމާނުއްސުރެ ދެ ގައުމުގެ މެދުގައި އޮތް އަހުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ވަގުތަކީ ލުބްނާނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ. ނަމަވެސް، އެގައުމުގެ އަހުންނާއި އުހުތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ރައީސް މުއިއްޒުގެ މެސެޖުގައި ލުބްނާނުގެ ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައި ވެއެވެ.

