އިންޑިއާގެ އަދާނީ ގްރޫޕްގެ ޗެއަރމަން އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ގައުތަމް އަދާނީ އަށް ނިއު ޔޯކުގައި އެތައް ބިލިއަން ޑޮލަރެއް ހިމެނޭ ގޮތަށް މަކަރުހެދުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭކަމަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނެފިއެވެ.
ބުދަ ދުވަހު އޮތޯރިޓީތަކުން އަދާނީ އާއި އަދާނީ ގްރީން އެނަރޖީގެ އިތުރު ދެ އެގްޒެކެޓިވް އަކަށް، އޭނާގެ ކޮއްކޮ ސަގަރު އަދާނީ އާއި ވްނީޓް ޖައިން އަށް ތުހުމަތު ކުރެވުނެވެ. އެއީ 2020 އާއި 2024 އާ ދެމެދު އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް 250 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއް ރިޝްވަތުގެ ގޮތުގައި ދީގެން 2 ބިލިއަން ޑޮލަރުގެ ފައިދާ ލިބޭނެކަމަށް ލަފާކުރެވޭ އިރުގެ އަލީގެ ހަކަތައިގެ ސަޕްލައި ކޮންޓްރެކްޓްތަކެއް ހޯދުމަށް އެއްބަސްވުމުގެ ތުހުމަތެވެ.
ޕްރޮސެކިއުޓަރުން ބުނިގޮތުގައި މި މުއްދަތުގެ ތެރޭގައި އެ ކުންފުނިން ދޮގުހަދައި އޮޅުވާލާފައިވާ ބަޔާންތަކެއްގެ މައްޗަށް ބިނާކޮށް 3 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ލޯނާއި ބޮންޑް ނަގާފައިވެއެވެ.
އިތުރު ފަސް މީހަކުވެސް މި މައްސަލައާއި ގުޅުންހުރި ކަމަށް ތުހުމަތު ކުރެވުނެވެ. އޭގެ ތެރޭގައި އެހެން ހަކަތަ ކުންފުންޏެއްގެ ދެ އެގްޒެކެޓިވުންނާއި ކެނެޑާގެ އިންސްޓިޓިއުޝަނަލް އިންވެސްޓަރެއްގެ ތިން މުވައްޒަފުން ހިމެނެއެވެ.
އަދާނީ ގްރޫޕުން ބުރާސްފަތި ދުވަހު މި ތުހުމަތުތައް ދޮގު ކޮށްފައިވެއެވެ. "އަދާނީ ގްރީންގެ ޑައިރެކްޓަރުންނާ ދެކޮޅަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓާއި ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން ކޮށްފައިވާ ތުހުމަތުތަކަކީ އަސާސެއް އަދި ހަގީގަތެއް ނެތް ތުހުމަތުތަކެއް." އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް އިތުރުކޮށްފައިވެއެވެ.
ބުރާސްފަތި ދުވަހު އަދާނީ ގްރޫޕްގެ ކުންފުނިތަކުގެ މާކެޓް ވެލިއު އިން 27 ބިލިއަން ޑޮލަރު ގެއްލުނެވެ. އަދި އަދާނީ ގްރީން އެނަރޖީން 600 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކުން ވަނީ ކެންސަލްކޮށްފައެވެ.
ފްލެގްޝިޕް އަދާނީ އެންޓަރޕްރައިސަސް 23 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެންމެ ދަށަށް ގޮސްފައިވާ ވަރެވެ.
މި މައި ކުންފުނީގެ އެހެން ގިނަ ކުންފުނިތަކެއް، މިސާލަކަށް އަދާނީ ޕޯޓްސް، އަދާނީ ޓޯޓަލް ގޭސް، އަދާނީ ގްރީން، އަދާނީ ޕަވަރ، އަދި އަދާނީ އެނަރޖީ ސޮލިއުޝަންސް ވެސް 7 އިންސައްތަ އާއި 19 އިންސައްތަ އާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފައިވެއެވެ.
ކޯޓު ރެކޯޑުތަކުން ދައްކާގޮތުގައި، ފަނޑިޔާރަކު ގައުތަމް އަދާނީ އާއި ސަގަރު އަދާނީ ހައްޔަރުކުރުމުގެ ވޮރަންޓް ދޫކޮށްފައިވެއެވެ. އަދި ޕްރޮސެކިއުޓަރުން އެ ވޮރަންޓްތައް ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާ ހަވާލުކުރުމަށް ރާވަމުންދެއެވެ.
މި މައްސަލައިގައި ހިމެނެނީ ފޮރިން ކޮރަޕްޓް ޕްރެކްޓިސަސް އެކްޓް، އެމެރިކާގެ ރިޝްވަތު ދެކޮޅު ޤާނޫނުގެ ތުހުމަތު ކުރެވޭ ޚިލާފުވުންތަކެވެ.
އަށް މީހުންގެ ތެރެއިން ހަތް މީހުންނަކީ އިންޑިއާގެ ރައްޔިތުންގެ އިތުރުން އިންޑިއާގައި ދިރިއުޅޭ މީހުންނެވެ. މީގެ ތެރެއިން ސިރިލް ކަބާނެސް، އަކީ ފްރާންސް އަދި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށާއި އޭނާ ދިރިއުޅެނީ ސިންގަޕޫރުގައި ކަމަށް ޕްރޮސެކިއުޓަރުން ބުނެފައިވެއެވެ.
އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން ގައުތަމް އަދާނީ، ސަގަރު އަދާނީ އަދި ކަބާނެސް އާ ދެކޮޅަށް ގުޅުންހުރި ދަޢުވާތަކެއް އުފުލާފައިވެއެވެ. ކަބާނެސް އަކީ އެޒަރ ޕަވަރ ގްލޯބަލްގެ އެގްޒެކެޓިވް އެކެވެ.
ފޯބްސް މަޖައްލާއިން ބުނާގޮތުގައި ގައުތަމް އަދާނީގެ މިލްކައްޔާތުގައި 69.8 ބިލިއަން ޑޮލަރު ހުރެއެވެ. މިއީ ދުނިޔޭގެ 22 ވަނައަށް އެންމެ މުއްސަނދި އަދި އިންޑިއާގެ ދެވަނައަށް އެންމެ މުއްސަނދި މީހާއެވެ.
ގިނަ ފަހަރު މަތިން، ގައުތަމް އަދާނީ އަމިއްލައަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ބައްދަލުކޮށް ރިޝްވަތު ދީފައިވާ ކަމަށާއި، ދަޢުވާލިބޭ ފަރާތްތަކުން އަމިއްލައަށް ބައްދަލުވެ މިކަން ތަންފީޒުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރުން ތުހުމަތުކޮށްފައިވެއެވެ.
ފާއިތުވި އަހަރުގެ ޖަނަވަރީ މަހު، އެމެރިކާގައި ހިންގާ ޝޯޓް-ސެލަރ ހިންޑެންބަރގް ރިސަރޗްއިން އަދާނީ އާއި އޭނާގެ ކުންފުނިތަކުން ސްޓޮކް މާކެޓް މެނިޕިއުލޭޓްކޮށް މަކަރުހަދާ ކަމަށް ތުހުމަތުކުރިއެވެ. ނަމަވެސް މި ގްރޫޕުން މި ތުހުމަތުތައް ދޮގުކޮށްފައިވެއެވެ. އެއް އަހަރު ފަހުން އިންޑިއާގެ ސުޕްރީމް ކޯޓުން މި ގްރޫޕްގެ ފަރާތުން ނިންމުމެއް ނިންމާފައިވެއެވެ.
ބުރާސްފަތި ދުވަހު، އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީން އަދާނީ ގްރޫޕްގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕާލިމެންޓަރީ ތަޙްޤީޤެއް ހިންގުމަށް ގޮވާލައިފައިވެއެވެ.
ކޮންގްރެސް ލީޑަރު ރާހުލް ގާންދީ، ބުނެފައިވަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދާނީއަށް ހިމާޔަތްދެމުން ގެންދާ ކަމަށެވެ.
ފާއިތުވި ހަފްތާގައި، ގައުތަމް އަދާނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ކުންފުނިން އެމެރިކާގެ ހަކަތައިގެ ސެކިއުރިޓީ އާއި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް 10 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި މިއިން 15،000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިކަމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.
އޭނާ މި އިންވެސްޓްމަންޓްގެ ވާހަކަ ބުނެފައިވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އިންތިޚާބު ކާމިޔާބު ކުރުމުން މަރުޙަބާ ކިޔަމުންނެވެ.
32 ބިލިއަން ޑޮލަރުގެ އާމްދަނީގެ ގޮތުގައި އަދާނީ ގްރޫޕްގެ ވިޔަފާރިތަކުގެ ތެރޭގައި ބަނދަރުތަކާއި، ވައިގެ ބަނދަރުތަކާއި، ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމާއި، ގްރީން އެނަރޖީ އާއި އެހެނިހެން ވިޔަފާރިތައް ހިމެނެއެވެ.

