އީދު ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބ. ކަމަދޫއަށް ނިސްބަތްވާ އާމިނަތު ޒާރާ އާއި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ރަންކިޔުމުގެ ހަފްލާގައި ދައްކާލި "ދަތުރޭ ފަށާމީ މާ އަމާން" ލަވަ ޔޫޓިއުބުން މިހާރު ފެންނާނެއެވެ. މިހާރުދެން ޒާރާގެ ފޭކު މަންޒަރެއް ގަބޫލު ކުރުމުގެ އެއްވެސް ބޭނުމެއް ނެތްތާއެވެ. ސާފުކޮށް މަންޒަރުތަކުން އެފެނިގެންދަނީ އިވިގެން ގޮސްފައިވާ ގިނަ ވާހަކަތަކުގެ ހަގީގީ ކުލަތަކެވެ.
މި ލަވައިގެ ޒަރީއާއިން ޒާރާ އާއި ސިޔާމުގެ ލޯބީގެ ދަތުރުގެ އިތުރުން، އެތައް ކަމެއްގެ ހަގީގަތް ހާމަވެގެން ގޮސްފައިވެއެވެ.
ލަވައިގައި ފެނިގެންދަނީ ޒާރާ އާއި ސިޔާމް ދިވެހިވަންތަ ހެދުމެއްގައި ދިވެހި ސަގާފަތް ދައްކުވައިދޭ މަންޒަރުތަކެކެވެ. ރީތި ހުދު ދިވެހި ލިބާހެއް ލައިގެން ހުރި ޒާރާ ގޮސް ސިޔާމް އަރިހުގައި އުނދޯލީގައި އިށީނދެލާ މަންޒަރު ފެނިގެންދާއިރު، ދެމަފިރިން އަސް ދުއްވާ މަންޒަރު ވެސް ލަވައިން ފެނިގެންދެއެވެ. މި މަންޒަރުތައް ނަގާފައިވަނީ ސިޔާމްގެ އޮޅުވެލި ރިސޯޓާއި ޒާރާގެ އުފަން ރަށް ކަމަދޫގައެވެ.
ޒާރާ އާއި ސިޔާމުގެ ކައިވެނީގެ ރަނާ ބެހޭ ގޮތުން ފެތުރުނު ވާހަކަތަކުގެ ހަގީގަތްވެސް މި ލަވައިން ފެންނަން އެބަހުއްޓެވެ. ޒާރާ ރަންކިޔާފައި ވަނީ ދެ ގެސްޓުހައުސްއަށޭ ބުނެ ފެތުރުނު ވާހަކަތަކަށް މިއޮތީ ހަގީގީ ޖަވާބެވެ. ރަނަށް ވާ ފައިސާ ރީތި މާބޮނޑިއެއްހެން ހަދިޔާއަކަށް ތައްޔާރުކޮށްފައިވާ ތަން ވެސް ލަވައިން ފެނިގެންދެއެވެ. މި ލަވައަކީ އެ ކައިވެނީގެ ރަން ކިޔުމުގެ ހަފްލާއަށް ހާއްސަކޮށް ޒާރާގެ އަޑުން ކިޔައި، ތައްޔާރު ކުރި ލަވައެކެވެ. މުހައްމަދު ސަމީމް ހަދާފައިވާ ޅެމަކަށް، ހުސެއިން ސޮބާހުގެ މިއުޒިކާއެކު ޒާރާގެ އަޑުން ކިޔާފައިވާ އެ ލަވައިގެ ވީޑިއޯގެ މަސައްކަތް ކޮށްފައިވަނީ "ގޮބިން ސްޓޫޑިއޯ" އިންނެވެ.
މިދިޔަ މަހު ކުލަގަދަ ހަފުލާތަކާއެކު ޒާރާ އާއި ސިޔާމުގެ ކައިވެނި ޕާޓީ ވަނީ ބާއްވާފައެވެ. އުމުރުން 35 އަހަރުގެ ތަފާތު ހުރި ނަމަވެސް މި ދެމަފިރިންގެ ހިނިތުންވުމުން އުމުރުގެ އެއްވެސް ތަފާތެއް ފެންނަހެނެއް ހީނުވެއެވެ.
ޒާރާ މަޝްހޫރުވެގެން ދިޔައީ މި އަހަރުގެ ބޮޑު އީދު ތެރޭގައި އޭނާގެ އުފަން ރަށުގައި ބޭއްވި އީދު ކުޅިވަރުތަކުގައި ހުށަހަޅާދީފައިވާ ނެށުމުގެ ހަރަކާތްތަކުންނެވެ. ގިނަ ބައެއްގެ ހިތުގެރުހުން ކަމުގައި ޒާރާ ވެގެން ދިޔަ މިންވަރު ސޯޝަލްމީޑިޔާއިން ފެނިގެންދިޔަ "ނުރުހުމާއި ހަސަދައިގެ" އެކިކަހަލަ ކަންކަމުން ހާމަވެގެންދެއެވެ. އެހެންނަމަވެސް ޒާރާގެ ފަރާތުން އެއްވެސް ކަހަލަ މުޖުތަމައާ ނުގުޅޭ ފަދަ ކަމެއް ނުފެނި، އިވިގެން ދިޔައީ ކައިވެނީގެ އަޑެވެ، ގިނަ މީހުންނަށް މިވާހަކަ "ގަބޫލު" ނުކުރެވުނު މިންވަރުވެސް މިދެންނެވި ސޯޝަލްމީޑިޔާގެ އެކިކަހަލަ މަންޒަރުތަކުން ސާފުކޮށް އެނގިގެންދެއެވެ.
ކޮންމެ ގޮތަކަށް ކޮންމެ ވާހަކަތަކެއް ފެތުރި ނަމަވެސް މިކައިވެނިވެސް މިވަނީ ލައުހުގައި ލިޔުއްވާފައިވީތީ، މިބިންމަތީގައި ހިނގާފައެވެ. ދިރިއުޅުމަކީ ޒާރާއާއި ސިޔާމުގެ ދިރިއުޅުމެވެ. އޭގައި ފެތުރޭ ވާހަކަތަކާއި އަރާ އަޑުތަކުގެ އެއްވެސް ދައުރެއް ނޯންނާނެތާއެވެ. ކާކުގެ ހިތުގެ ނިޔަތަކީ ކޮންގޮތަކަށް އޮތް ކޮން ކަމެއްކަން އެނގޭ ފަރާތަށް އެއްވެސް ހަގީގަތެއް ނުފޮރުވޭތާއެވެ. ނޭނގޭ ވާހަކަ ދެއްކުމުގެ އާދައިން ދުރުވުން ރައްކާތެރިވެގެންވެއެވެ. އެހެންނޫނަސް މިހާރުދެން އެވާހަކަވެސް އެއޮތީ ކައިވެނީގެ ވަރުގަދަ ގުޅުމުން ބަދެވި ނިމިފައެވެ.
ހުވަދޫމީޑިޔާއިން އެދެނީ ޒާރާއާއި ސިޔާމަށް ބާއްޖަވެރި އަދަށްވުރެ ފަހި މާދަމާއެކެވެ.

