ބިންމައްޗަށް ވައްޓާލި ޓީޝޫކޮޅަކުން މަސްތުވާތަކެތި ފެނުމާ ގުޅިގެން ތ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ 36 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ. މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހާ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، 5 ދުވަހަށް ބަންދުކުރުމަށް ފަނޑިޔާރު އަމުރުކޮށްފިއެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވެއެވެ. ފުލުހުންގެ ބަޔާނުގައިވާ ގޮތުން، އެ މީހާގެ ވައަތު މުށި ތެރެއިން ބޮޑިކޮށްލާފައި އޮތް ޓިޝޫގަނޑެއް ބިންމައްޗަށް ވައްޓާލި މަންޒަރު ފެނުނު ކަމަށާއި، އެ ޓިޝޫގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އެއް ޕެކެޓް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.
ހައްޔަރުކުރެވުނު މީހާއަކީ ކުރިން ވެސް ގިނަ އަދަދެއްގެ ހައްޔަރާއި ބަންދު ލޮގް އޮތް ފަރާތަކަށް ވާތީ، ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރު ކުރުމުގެ އިހުތިމާލު އޮތުމާއެކު މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ފަނޑިޔާރު ފާހަގަ ކުރައްވާފައި ވެއެވެ.
ފުލުހުން އެދިފައި ވަނީ އޭނާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއްގައި ބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް، ހައްޔަރު ކުރެވުނު ފަރާތުން މަސްތުވާތަކެތި ބޭނުންނުކުރާ ކަމަށް ބުނެ ރިމާންޑް ސެންޓަރުގައި ހުރުމަށް އިންކާރު ކޮށްފައި ވާތީ، ފުލުހުންގެ އިއުތިރާޒެއް ނެތި އޭނާ ބަންދުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

