ރާއްޖޭގައި ދީނީ އިލްމު ކިޔަވާ ފަރާތްތަކަށް ދީނީ ނަސޭހަތް ދެވޭގޮތަށް ދަރަޖަކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިއަދު ބޭއްވުނު ފަތުވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ދިވެހިރާއްޖޭގައި ފަތުވާދިނުމާއި ދީނީ ނަސޭހަތްދިނުން ދަރަޖަކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. އަދި މިކަމަކީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ގާއިމްކުރުމަށްޓަކައި ކުރަންޖެހިފައިވާ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، މިހާތަނަށް ދީނީ ނަސޭހަތް ދިނުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން ކިޔަވާ ނިންމާފައިވާ އިލްމުވެރިންނަށް ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ޔުނިވަރސިޓީތަކުން ދީނީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް މިފަދަ ފުރުސަތުތައް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ބައެއް ދަރިވަރުން ކިޔަވާފައިތިބެނީ އަރަބިބަހުން. އެކުދިންނަށް އަރަބި ބަސްވެސް އެނގޭ. އިނގިރޭސިބަސްވެސް އެނގޭ. މައުލޫމާތު ހޯދުމުގެ ރިފަރެންސްތަކަށް ރުޖޫއަވުމުގެ ރުޖޫއަވުމުގެ ގާބިލްކަންވެސް އެމީހުންގެ ޝަހްސިއްޔަތުގައި އެބަހުރި. އެކަމަކު އެމީހުންނަކަށް ނެތް ހުއްދައެއް. ހަމައެކަނި ހުއްދަ މި އޮންނަނީ ބޭރުގެ ޔުނިވަރސިޓީ ތަކުގައި ކިޔަވާ ބޭފުޅުންނަށް އެކަނި،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްރަށުގައި ދީނީ ނަސޭހަތް ދޭނެ ފަރާތްތައް މަދުވުމުގެ ސަބަބުން، ބައެއް ފަހަރު ދީނީ ނަސޭހަތް ދިނުމަށް ޝޭޚުން ގެންނަން ޖެހޭކަމަށާއި، އެފަދަ ފަރާތެއް ނުލިބިއްޖެނަމަ އެ ރަށެއްގައި ދީނީ ނަސޭހަތް ދެވެން ނޯންނަކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

