ހުޅުމާލެ ފޭސް އެކެއްގައި ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާ ދޭން އުޅުމުން ހައްޔަރު ކޮށްފައިވާ މީހާގެ ވަނަވަރު އާންމުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ފޮޓޯ އާއި ވަނަވަރު އިއުލާނު ކޮށްފައި ވަނީ، ފުލުހުން މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުންނެވެ. އެ މީހަކީ އދ. ދަނގެތި، ލިލީގެ ހުސައިން ފާއިގް (33އ) އެވެ.
އިއްޔެ މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ތޫނު އެއްޗަކުން ހަަމަލާ ދޭން އުޅުނު ކަމުގެ ރިޕޯޓުކޮށްފައިވަނީ ރޭ 06:30 ހާއިރު ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހަކަށް ވަޅިން ހަމަލާދޭން އުޅުނު މީހާ ހުއްޓުވަން އުޅުނު ފުލުސް އޮފިސަރަށް ވެސް ހަމަލާދޭން އުޅެފައިވާ ކަމަށެވެ. އެމީހާ އެންމެ ފުރަތަމަ ހަމަލާދޭން އުޅުނީ މައުރިބު ނަމާދުކުރަން ހުރި މުދިމަކަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ފުލުހަކަށް ހަމަލަދޭން އުޅުނު އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވިޑީއޯއިން ފެންނަ ގޮތުން އެމީހާއަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވެ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

