ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ނިމި، ވޯޓު ގުނަން ފަށައިފިއެވެ. މިއަދު ހެނދުނު 10:00 ގައި ފެށުނު ވޯޓުލުން ނިމުނީ މެންދުރުފަހު 14:00 ގައެވެ.
މި އިންތިޚާބުގައި ޕީއެންސީގެ 2095 މަޤާމަކަށް މެންބަރުން އިންތިހާބުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ބައެއް ދާއިރާތަކަށް ވަނީ އިންތިހާބާ ނުލައި ބައެއް މީހުން އިންތިހާބުވެފައެވެ.
އިންތިޚާބުކުރާ މަޤާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުން، ރަށްރަށުގެ ޒުވާނުންގެ ހަރަކާތުގެ ރައީސުން، ރަށްރަށުގެ އަންހެނުންގެ ހަރަކާތުގެ ރައީސުން އަދި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން ހިމެނެއެވެ. ޕީއެންސީން ދާއިރާތައް ހަމަޖައްސާފައިވަނީ މަޖިލީހުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތަށެވެ. ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބެވި ދާއިރާތަކުގައި ދާއިރާގެ ރައީސުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ މެންބަރުންނެވެ. އަދި ޕީއެންސީގެ މަޖިލިސް މެންބަރުން ނެތް ދާއިރާތަކަށް ރައީސުން އައްޔަންކުރާނީ މި އިންތިޚާބުންނެވެ.
ޕީއެންސީން މަޢުލޫމާތު ދީފައިވާާތު ދީފައިވާ ގޮތުގައި، ކޮންމެ ރަށެއްގައިވެސް ސްޓިއަރިން ކޮމިޓީތަކަށް މެންބަރުން ހޮވާނެއެވެ. ރަށެއްގެ އާބާދީ 3000 މީހުންނަށްވުރެ މަދުނަމަ، އެ ރަށެއްގެ ސްޓިއަރިން ކޮމިޓީއަށް އިންތިހާބު ކުރާނީ 7 މެންބަރުންނެވެ. އަދި އާބާދީ 3000 މީހުންނަށްވުރެ ގިނަނަމަ، 9 މެންބަރުން އިންތިހާބު ކުރާނެއެވެ.
ޕީއެންސީގެ މެންބަރުންގެ ދަފްތަރުގައި 75,000 އަށްވުރެ ގިނަ މެންބަރުން ތިބިކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޢަދަދު 34,000 އަށްވުރެ މަތިވާކަމަށްވެސް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.
ޕީއެންސީން އަންދާޒާކުރާ ގޮތުގައި މި އިންތިހާބުގެ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާން ކުރެވޭނެއެވެ. މި އިންތިހާބަކީ ޕީއެންސީގެ އެތެރޭގެ އޮނިގަނޑު ހަރުދަނާކޮށް، ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ.

