ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިހާބު ކާމިޔާބުކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތުގައި ހުންނަވައި، ރައީސް މުޢިއްޒު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި، ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކާމިޔާބުކުރެއްވި އެންމެހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، އެކި މަގާމުތަކަށް ވާދަކުރެއްވި ކެންޑިޑޭޓުންނާއި، އިންތިހާބުގެ އިންތިޒާމްތަކުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށާއި، އިންތިހާބުގައި ވޯޓުލީ ހުރިހާ މެމްބަރުންނަށްވެސް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. 4 ގަޑިއިރު ދެމިގެންދިޔަ ވޯޓުލުމުގައި، ޖުމްލަ 143 ވޯޓުފޮށި ބެހެއްޓުނެވެ. މީގެ ތެރެއިން 53 ފޮށި ބެހެއްޓިފައިވަނީ މާލޭގައެވެ. މާލެ ހިމެނޭހެން 90 ރަށެއްގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދެވުނު މި އިންތިޚާބުގައި 667 ކެންޑިޑޭޓުން ވާދަކުރިއެވެ.
ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 34,904 މެމްބަރުންނަށް ލިބިފައިވެއެވެ. މިކަމާ ގުޅިގެން، މި އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެއް އިންތިހާބު ކަމުގައި ބެލެވެއެވެ.

