މާލޭގެ ގެއަކަށް މީހަކު އޮޅުވާލައިގެންައިގެން ވައްދައި، ބަރަހަނާ ކުރުމަށްފަހު ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދައި އެކައުންޓްގައިވާ ފައިސާ ފޭރުނު މައްސަލާގައި ހިމެނޭ ތިން މީހުންނަށް އެއް އަހަރާއި ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި މއ. މަސްފަން ގެއަށް މީހަކު ވައްދައިގެން ހިންގި މި ފޭރުމުގެ މައްސަލާގައި ދައުވާ ކޮށްފައިވަނީ މއ. މަސްފަންގޭ އާއިޝަތު އާއި އެގޭ މުހައްމަދު ރީހާން އަދި ސ. ހިތަދޫ ސޯމާ، ޝަފީގު އިބްރާހީމްގެ މައްޗަށެވެ. މި ތިން މީހުންގެ ތެރޭގައި ހިމެނެނީ މަންމައަކާއި އޭނާގެ ދަރިއެކެވެ. ރީހާންއަކީ އައިޝަތުގެ ދޮށީ ދަރިފުޅެވެ. އަދި މއ މަސްފަން ގެއަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި، މީހުންނަށް އޮޅުވާލައިގެން، ގެއަށް ވައްދައި، ބިރުދައްކައިގެން ފޭރުންފަދަ ކުށްކުރުން އާންމު ގެއެކެވެ.
ކޯޓުން މިމަގު 21 ކުރި ހުކުމުގައި ވަނީ މި ތިން މީހުންނަށް ޖުމްލަ އެއް އަހަރާއި ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމަކީ އެ މީހުންގެ މައްޗަށް ކުރެވުނު ތިން ކުށުގެ އަދަބު އެއްކޮށްލުމުން އަންނަ މުއްދަތެވެ. އެއީ ފޭރުމުގެ ކުށަށް ނުވަ މަހާއި 18 ދުވަސް، އަނިޔާއެއް ދިނުމުގެ ކުށަށް ދެ މަހާއި 12 ދުވަސް، އަދި ހުއްދަ ނޫން ގޮތުގައި މަޢުލޫމާތު ހޯދުމުގެ ކުށަށް ހަތަރު މަހާއި 24 ދުވަހެވެ.
މި މައްސަލާގައި ދަޢުވާ ލިބުނު ފަރާތްތަކުން ވަނީ ކޯޓުގައި ކުށަށް އިޢުތިރާފުވެފައެވެ. އެ މީހުން ހިންގި ޢަމަލުގެ ތެރޭގައި އަނިޔާ ލިބުނު މީހާ ހިފެހެއްޓުމަށްފަހު، އޭނާއަށް ބިރުދައްކައިގެން އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20,000 ރުފިޔާ ފޮނުވުމާއި، އަދި އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25,000 ރުފިޔާ ނެގުން ހިމެނެއެވެ.
ފުލުހުންގެ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ހާދިސާ ހިނގި މަސްފަންގެއަކީ ތަކުރާރުކޮށް އެކި މީހުން އޮޅުވާލައިގެން ގެންގޮސް ބިރުދެއްކުމަށް ބޭނުންކުރަމުން އައި ތަނެކެވެ.

