ޝޫޓިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި، “ނޭޝަނަލް ޝޫޓިންގ ސްޕޯޓް ޗެމްޕިއަންޝިޕް 2024” ގެ ރަންވަނަތައް އެމްއެންޑީއެފްގެ އެތުލީޓުން ހޯދައިފިއެވެ.
އެ މުބާރާތުގެ ގިނަ ވަނަތަކެއް ސިފައިން ހާސިލުކުރި އިރު، މުބާރާތުގެ އެއަރ ރައިފަލް ކެޓެގަރީގެ ފިރިހެން ބައިގެ ބެސްޓް ޝޫޓަރގެ މަޤާމު، ކޯޕްރަލް އިބްރާހީމް ޝިފާން، އަދި އެއަރ ޕިސްޓަލް ކެޓެގަރީގެ ފިރިހެން ބައިގެ ބެސްޓް ޝޫޓަރގެ މަޤާމު ހާސިލުކޮށްފައި ވަނީ ލާންސް ކޯޕްރަލް ޠާހާ މާދު މުޙައްމަދެވެ. މުބާރާތުގައި ބައިވެރިވި ސިފައިންގެ އެތުލީޓުން ވަނީ އަށް ރަން މެޑެއްޔާއި ފަސް ރިހި މެޑެލި އަދި ހަތަރު ލޯ މެޑެލި ހާސިލުކޮށްފައެވެ.
މުބާރާތް ނިންމުމުގެ ގޮތުން ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ.
އެ ރަސްމިއްޔާތުގައި ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤާއި، އެސޯސިއޭޝަންގެ ނާއިބު ރައީސް، ކާނަލް އަޙްމަދު ޒުބައިރު އަދި އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ކާނަލް އަޙްމަދު ޝާމިން ބައިވެރިވެލެއްވިއެވެ.

