މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ.
މިއަދު ހަވީރު 18:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތް ހާމަކޮށް، މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.
ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގޭގެއަށް ފެން ވަނުމުގެ ސަބަބުން ގެއްލުން ލިބިފައިވެއެވެ.
އެގޮތުން އިއްޔެ ނ.މާފަރުގައި ފެންބޮޑުވެ، 5 ގެއަކަށް ފެންވަދެގެން، އޭގެތެރެއިން ގެއްލުން ލިބުނު އެއް ގެއެއްގެ މީހުން އެހެން ގެއަކަށް ވަނީ ބަދަލުކޮށްފައެވެ.

