ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން، ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރުމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އޮޮޕަރޭޝަން ކުރަނގި" ގދ.ގައްދޫގައި ފަށައިފިއެވެ.
މިހާރު މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އޮޕަރޭޝަން ކުރަނގި ފެށީ މިއަހަރުގެ މެއި މަހުގެ 02 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
އެގޮތުން ބިދޭސީ ފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ އެންމެފަހު ތާރީޚަކީ 31 ޑިސެމްބަރު ވާ އަންގާރަ ދުވަހެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ ގައްދޫގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް 31 ޑިސެމްބަރުގެ ކުރިން ކުރިން ނިންމަންޖެހޭތީ، މި މަސައްކަތް ނާރެސް ޑޭޓާ ކަލެކްޓިންގ ސެންޓަރގައި (ގައްދޫ ރަށްވެހިގޭގައި) ބާރުމިނުގައި ކުރިޔަށްދާ ކަމަށެވެ.
އެ ތާރީޚާ ހަމައަށް ބަޔޯމެޓްރިކް ޑޭޓާ ނެގިފައިނުވާ ބިދޭސީ ފަރާތްތަކާ މެދުގައި ސަރުކާރުން ނިންމަވާ ގޮތެއްގެ މަތީން ފިޔަވަޅު އެޅޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންކަމުން ގައްދޫގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި، އެ ބިދޭސީން ގެންގުޅޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދީގެން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ނާރެސް ޑޭޓާ ކަލެކްޓިންގ ސެންޓަރަށް ހާޒިރުވެ މައުލޫމާތު ހިއްސާކުރުމަށް ގައްދޫ ކައުންސިލުން ވަނީ އެދިފައެވެ.
ބިދޭސީންގެ ބަޔޯ ޑޭޓާ ނެގުމަށް ކަނޑައެޅިފައިވާ ވަގުތުތަކަކީ ހުކުރު ދުވަހު ރޭގަނޑު 21:00 އިން 23:00 އަށް އަދި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން 16:00 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.

