އަމާޒަކީ ހުރިހާ ފުލުހުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮއްދިނުންކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ވަނީ ވިދާޅުވެފައެވެ.
އެކަމަނާ މިހެންވިދާޅުވެފައިވަނީ ނެޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި އެކަމަނާ ވިދާޅުވީ، ފުލުހުންނަކީ ހަމައެކަނި ޤާނޫނާއި ޤަވާޢިދުތަށް ތަންފީޒުކުރަން ތިއްބަވާ ބައެއްނޫން ކަމަށާއި، އެއީ ޤާނޫނަށް ފުރިހަމައަށް ތަބަޢުވެވަޑައިގަންނަވައި، މުޖުތަމަޢުގެ އިތުބާރު ލިބިފައިވާ ނަމޫނާ ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި މިދަފަ މަތިވެރި މަޤްސަދުތަށް ހާޞިލުކޮށް، މީހެއްގެ ސުލޫކާއި އަޙްލާޤް ރިވެތިކުރުމަށް، އެންމެ ބޮޑު އެހީއެއް ލިބޭ އެއްކަމަކީ ތަޢުލީމުކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މަތީ ތަޢުލީމު ހާޞިލުކުރަމުންދާއިރު، އެ މަރުޙަލާގައި ކުރެވޭ ދިރާސާތަކުގެ ސަބަބުން އޮފިސަރުންގެ ޢިލްމީ ފެންވަރާއި ފަންނީ ހުނަރު އިތުރުވެގެންދާނެކަމާއި، މި ކަމުގެ ނަތީޖާއެއްގެ ގޮތުން އެބޭފުޅުންގެ ކިބައިގައި، އިންސާފު ޤާޢިމްކުރުމަށް ބޭނުންވާ ޤާބިލްކަން ކުރިއަރައިގެންދާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ، ފޮރެންސިކް ސައިންސް، ސައިބަރ ކްރައިމް އިންވެސްޓިގޭޝަން، އަދި ކޮމިއުނިޓީ ޕޮލިސިންގ ފަދަ ޚާއްސަ ދާއިރާތަކަށް އަމާޒުކޮއްގެން ބޭއްވޭ ޑިޕްލޮމާ ޕްރޮގްރާމްތަކުން ތަމްރީނުވުމަކީ މުޖުތަމަޢުއަށް ކުރިމަތިވެފައިވާ އެކި ނުރައްކާތެރި ގޮންޖެހުންތަކާއި ކުރިމަތިލުމަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައިވާކަން ކަށަވަރުކޮއްދޭކަމެއް ކަމަށެވެ.
އަމާޒަކީ ހުރިހާ ފުލުހުންނަށްވެސް ހަމަހަމަކަމާއެކު ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުން. ޚާއްޞަކޮށް އަންހެން ފުލުހުންނާއި، ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނަށް މި ފަދަ ފުރުސަތުތައް ލިބެމުންދާނެ މަގުތައް ތަނަވަސްކޮށްދިނުމަށް އަޅުގަނޑުމެން މިދަނީ ގަދައަޅައި މަސައްކަތްތަކެއް ކުރަމުން
ޤައުމުގައި އެކަށީގެންވާ ތަޢުލީމު ނެތުމުގެ ސަބަބުން، ވަޒީފާގެ ފުރުޞަތުތަށް ގެއްލި ޑްރަގާއި އެކި ކަހަލަ ނުބައި ވަބާތަކުގައި ޖެހިފައިވާ އެތަށް ސަތޭކަ ޒުވާނުން ދިރިއުޅެމުންދާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. މި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފުލުހުންގެ ޚިދުމަތް ފުޅާކުރުމާއި، ކުރިއަށްއޮތް ހަތަރު އަހަރުގެ ތެރޭގައި އެއްހާސް ފުލުހުން އިތުރުކުރުމަށް ނިންމަވައިފާކަމަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

