ޕްރިމިޔާލީގުގައި އާސެނަލް ނޮޓިންހަމްފޮރެސްޓް އަތުން މޮޅުވިއިރު މެންޗެސްޓާސިޓީ ޓޮޓެންހަމް އަތުން ބަލި ވެއްޖެއެވެ. ރޭގައި އާސެނަލް އާއި ނޮޓިންހަމްފޮރެސްޓް ވާދަކުރި މެޗު އާސެނަލް ކާމިޔާބު ކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގައި އާސެނަލްގެ ގޯލުތައް އެޓީމަށް ޖަހާދިނީ ސަކާ އާއި ތޮމަސް ޕާޓޭގެ އިތުރުން ސަތާރަ އަހަރުގެ އީތަން ނުވާނަރީއެވެ. މިމޮޅާއިއެކު އާސެނަލް ލީގުގެ ހަތަރު ވަނައިގައި އޮތީ ކުޅުނު 12 މެޗުން 22 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ނޮޓިންހަމްފޮރެސްޓް އޮތީ ކުޅުނު 12 މެޗުން ލިބުނު 19 ޕޮއިންޓާއިއެކު ލީގުގެ ހަތް ވަނައިގައެވެ. އާސެނަލް ރޭގެ މެޗުން މޮޅުވިއިރު މިދިޔަ ހަތަރު ސީޒަންގަ ޗެމްޕިޔަންކަން ހޯދި މެންޗެސްޓާސިޓީ ވަނީ ޓޮޓެންހަމް އަތުން 4-0 ގެ ނަތީޖާ އަކުން ބަލިވެފައެވެ. ރޭގައި މެންޗެސްޓާސިޓީގެ އިއްތިހާދް ސްޓޭޑިޔަމްގައި ކުޅުނު މެޗުގައި ޓޮޓެންހަމްގެ ފުރަތަމަ ދެގޯލު ޖޭމްސް މެޑިސަން އެޓީމަށް ޖަހާދިންއިރު ޓޮޓެންހަމްގެ އަނެއް ދެގޯލު އެޓިމަށް ޖަހާދިނީ ޕެޑްރޯ ޕޯރޯގެ އިތުރުން ބްރެނަން ޖޮންސަންއެވެ.
މިއީ މެންޗެސްޓާސިޓީ މިސީޒަންގައި ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ. މިނަތީޖާ އާއިއެކު މެންޗެސްޓާސިޓީ ލީގުގެ ދެވަނައިގަ އޮތީ ކުޅުނު 12 މެޗުން 23 ޕޮއިންޓު ހޯދައިގެންނެވެ. ރޭގެ މެޗުން މޮޅުވި ޓޮޓެންހަމް ލީގުގެ ހަވަނައިގަ އޮތީ ކުޅުނު 12 މެޗުން ލިބުނު 19 ޕޮއިންޓާއި އެކުގައެވެ.

