މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ. މިކަން ހާމަ ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއަދުގެ ފަތިސް ނަމާދުގެ ކުރިން، މީހަކު ފުރުގާން މިސްކިތަށް ވަދެ، އެ މިސްކިތުގެ ފަހަތުގައި ހުރި މުސްހަފުތައް މުޅިތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައި ހުރި އެޑަޕްޓަރުތައް ތަޅާލައި، އަދި ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހިތައް ވަނީ އެގޮތް މިގޮތަށް އުކާލާފައެވެ.
ވަޒީރު ޑރ ޝަހީމު ވިދާޅުވީ މިސްކިތްތަކަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މި މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، މި މިސްކިތަށް ދާ މީހުން ބުނާ ގޮތުގައި، މި އަމަލު ހިންގި ފަރާތުން މީގެ ކުރިން ވެސް އެތައް ފަހަރަކު މުސްހަފުތައް އުކާލުމާއި މިސްކިތަށް އެކިއެކި ގެއްލުން ދީފައިވެއެވެ.
މި އަމަލު ހިންގި ފަރާތަކީ ނަފުސާނީ ބައްޔެއްގެ ސަބަބުން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ފަރުވާދިން މީހެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި، މި މައްސަލަ އިޖުތިމާއީ ތަރައްގީއާ ބެހޭ ވުޒާރާއާއި، މާލެ ސިޓީ ކައުންސިލުގެ އިތުރުން ފުލުހުންނަށްވެސް، އެކިފަހަރުމަތިން ތަކުރާރުކޮށް ހުށަހަޅާފައިވެއެވެ.
ފުރުގާން މިސްކިތަކީ ސީސީޓީވީ ހަރުކޮށްގެން 24 ގަޑިއިރު މާލެ ސިޓީ ކައުންސިލްގެ ފާރަވެރިކަމުގެ ދަށުގައި ހުންނަ މިސްކިތެކެވެ.

