ނ. ހޮޅުދޫގައި، މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަ، ޒަކިއްޔާ މޫސާ (50އ) ގެ މަރުގެ މައްސަލަ ނުނިމި، ތަހުގީގު ލަސްވަމުންދާތީ، ޒަކިއްޔާގެ އާއިލާއާއި ހޮޅުދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10 ހާއިރު، އޭނާ ދިރިއުޅުނު “ނިއުލައިފް” ގޭގެ ގުދަން ކައިރިންނެވެ. ޒަކިއްޔާގެ ހަށިގަނޑު ފެނުނުއިރު، ބޮލަށް ޒަހަމްތަކެއް ލިބި، ކަރަށް ލިބިފައިވާ ހަމަލާއިން ނޭވާހޮޅި ވަނީ ބުރިވެފައެވެ.
މި މައްސަލައިގެ ތަޙުޤީޤުގެ އަޕްޑޭޓެއް ނުލިބި ދެމަސް ފާއިތުވެފައިވާތީ، ރަށުގެ ރައްޔިތުން ވަނީ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިފައެވެ. މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުމުން، ފުލުހުން ބުނެފައިވަނީ އަންނަ ހަފުތާގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރު މަޢުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
ޒަކިއްޔާއަށް އިންސާފު ހޯދައިދިނުމަށް އެދި، ހޮޅުދޫ ރައްޔިތުން ސޯޝަލް މީޑިއާގައި ދަނީ އަޑުއުފުލަމުންނެވެ. އަދި ޒަކިއްޔާގެ މަރާ ގުޅޭގޮތުން ފާހަގަ ކުރެވުނު ކަންތައްތަކާމެދު ސުވާލުއުފައްދައި އެ ސުވާލުތަކަށް އަމިއްލައިން ދެކޭ ގޮތުގެ މައްޗަށް ލިޔުމެއް ތައްޔާރުކޮށް ޕްރިންޓްކުރުމަށް ފަހު، ގޭގެއަށާއި މަގުތަކަށް އެލިޔުން އަޅާފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ރަށުގެ ރައްޔިތުން ދަނީ ޒަކިއްޔާ ބަޔަކު މަރާލީ ކަމަށް ތުހުމަތުކުރަމުންނެވެ. އަދި 2000 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ނަފުސާނީ ގޮތުން ބިރުވެރިކަމުގެ ތެރޭގައި ކަމަށް ބައެއް ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.

