ގއ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ " ރާވެރިޔާ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގައި ބޮންބޮން ސްޕޯޓްސް ކުލަބާއި ގއ ކަނޑުހުޅުދޫ ވާދަކުރި މެޗް ނިލަންދޫ ބޮންބޮން ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.
ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މިމެޗު ބޮންބޮން ސްޕޯޓްސް އިން ކާމިޔާބު ކުރީ 3/2 އިންނެވެ. މި މެޗުން މޮޅުވުމާއިއެކު ބޮންބޮން ސްޕޯޓްސް ކުލަބަށް ވަނީ ސެމީގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ކަނޑުހުޅުދޫ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ރަނގަޅު ނިންމުންތަކެއް މި ސެޓުގައި ނިންމާފައެވެ. ކޮންމެހެން މޮޅުވާން މަޖުބޫރު މެޗުގެ ފުރަތަމަ ސެޓު ކަނޑުހުޅުދޫއިން ކާމިޔާބު ކުރީ 25/13 އިންނެވެ. އަދި ދެވަަނަ ސެޓުގައި ދެޓީމްގެ ފާރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ދެވަނަ ސެޓު ކަނޑުހުޅުދޫއިން ކާމިޔާބު ކުރީ 25/23 އިންނެވެ. އެހެން ނަމަވެސް މެޗުގެ ތިންވަނަ ސެޓުގައި ބޮންބޮން ޓީމްގެ ރަނގަޅު ނިންމުންތަކެއް، ފެނިގެން ގޮސްފައިވެއެވެ. މިސެޓު ބޮންބޮން އިން ކާމިޔާބު ކުރީ 25/23 އިންނެވެ. ހަތަރު ވަނަ ސެޓުގައިވެސް ބޮން ބޮން ސްޕޯޓްސް ކުލަބުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މި ސެޓު 25/17 އިން ކާމިޔާބު ކުރީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ. ނަތީއްޖާ ނެރުމަށް ކުޅުނު ޓައި ބްރޭކް ސެޓުން 15/8 އިން ސެޓު ކާމިޔާބުކޮށް މުބާރާތުގެ އަންހެން ޑިވިޝަންގެ ގުރޫޕް އޭ އިން ސެމީގެ ޖާގަ ބޮން ބޮން ސްޕޯޓްސް އިން ކަށަވަރު ކުރިއެވެ.
މި މެޗާއި އެކު މި ގުރޫޕްގެ ހުރިހާ މެޗެއް ކުޅެ ނިމުނު އިރު ގުރޫޕު އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ގއ ގެމަނަފުށީ ވޮލީބޯލް ކުލަބެވެ. އަދި ދެވަނަ ޓީމްގެ ގޮތުގައި ގއ ނިލަންދޫ ބޮންބޮން ސްޕޯޓްސް ކުލަބު ވަނީ ޖާގަ ހޯދާފައެވެ.
މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ބޮންބޮން ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 11 އާމިނަތު ރަފާ އިބްރާހިމް އެވެ.
މިމުބާރާތުގައި މިރޭ ފިރިހެން ޑިވިޝަންގައި ކެޕިޓަލް ސިޓީއާއި ދާންދޫ ސްޕޯޓްސް ކުލަބު ވާދަކުރާނެއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައެވެ.
މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

