މަކުނުދޫ ބޭރުގައި، ކަނޑުމަތިން، ދަތުރުކުރަމުންދަނިކޮށް އަތުލައިގަތް، ސްރީލަންކާގެ މަސްބޯޓަކުން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިމައުލޫމާތު ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.
ކޮމިޝަނަރ ޝުޖާއު ވިދާޅުވި ގޮތުގައި، ހދ. މަކުނުދޫގެ ބޭރުން ސްރީލަންކާގެ މަސްބޯޓެއް ކަމަށް ބެލެވޭ އުޅަނދެއް ހުއްޓުވައި، ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ހދ. ކުޅުދުއްފުށި ބަނދަރަށް ގެންދިޔަ ކަމަށް އިއްޔެ ރޭ ދަންވަރު 12:45 ހާއިރު އެމްއެންޑީއެފްއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ. މި ބޯޓުގައި އެވަގުތު ސްރީލަންކާއަށް ނިސްބަތްވާ 5 ފިރިހެނުން ތިބިކަން ފާހަގަކުރެއްވިއެވެ.
"މިއީ މި ސަރަހައްދުގައި މިގޮތަށް މޫވް ކުރާ ޝައްކު އުފެދޭ އުޅަނދުތަކުގެ މަޢުލޫމާތު އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް ލިބޭ، ހަމަ އެގޮތުން އެމްއެންޑީއެފްއަށް ލިބުނު މަޢުލޫމާތެއްގެ ތެރެއިން ވެސަލްއެއް މިއީ،" ކޮމިޝަނަރ ޝުޖާއު ވިދާޅުވިއެވެ.
މިއަދު ހެނދުނު 9:30 ގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އޮފިޝަލުންނާއި ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ފުލުހުން، މި އުޅަނދު ބަލައި ފާސްކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކޮމިޝަނަރ ޝުޖާއު ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ މެތާއި 124.6 ކިލޯގެ ކޮކެއިންއެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާއި އޭގައި ތިބި މީހުން-
މި މަސްތުވާތަކެތީގެ މަގުމަތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެކަމަށް ކޮމިޝަނަރ ޝުޖާއު ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ދިވެހިންގެ އަތެއް އޮތްކަން ނުވަތަ ނޫންކަން މި ވަގުތު ކަނޑައެޅިގެން ބުނަން ދަތިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ވަރަށް އާލީ ސްޓޭޖެއްގައި މި ދަނީ، އެހެންވީމަ މިކަމަށް އެއްޗެއް ދަންނަވަން އަދި ދަތި، އެ މަޢުލޫމާތު އަދި ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ދަނީ،" ކޮމިޝަނަރ ޝުޖާއު ވިދާޅުވިއެވެ.
މިއީ ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމަށްޓަކައި އެކި އެޖެންސީތައް ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކާމިޔާބު މަސައްކަތެއް ގޮތުގައި ކޮމިޝަނަރ ޝުޖާއު ފާހަގަކުރެއްވިއެވެ.
މިއީ މިހާތަނަށް އަތުލައިގަނެވުނު އެންމެ ގިނަ އަދަދެއްގެ ޑްރަގް ޝިޕްމެންޓްކަން އަދި ކަށަވަރެއް ނޫންކަމަށްވެސް ކޮމިޝަނަރ ޝުޖާއު ވިދާޅުވިއެވެ.

