ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށް ރައީސް ޑރ. މުޙައްމަދުު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާ ބޯޓަކުން 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި އަތުލައިގަތުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށެވެ. އަދި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މި ދާއިރާއިން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކޮށް ރައީސް ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުުރައްވާފައެވެ.
މަސްތުވާތަކެތި ހުރި ލަންކާ ބޯޓު އަތުލައިގަތީ ރޭ ދަންވަރު 00:45 ހާއިރު މަކުނުދޫ ބޭރުންނެވެ. އެގޮތުން ރޭ ދަންވަރު އެ ބޯޓު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސް، މިއަދު ހެނދުނު ވަނީ ކުޅުދުށްފުށި ސިޓީއަށް ގެންގޮސްފައެވެ.
މިއަދު ހެނދުނު ފުލުހުންނާއި ސިފައިން ގުޅިގެން އެ ބޯޓު ބަލައި ފާސްކުރިއިރު، ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ މެތާއި، 124.6 ކިލޯގެ ކޮކެއިންއެވެ. އެ ތަކެތީގެ އަގު 1 ބިލިއަން ރުފިޔާއަށް އަރައެވެ.
”އަށެކުންތަ” ކިޔާ ބޯޓުގައި ތިބީ ލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.

