ގއ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ " ރާވެރިޔާ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ދާންދޫ ސްޕޯޓްސް ކުލަބާއި ގއ ވިލިނގިލި ކެޕިޓަލް ސިޓީ ވާދަކުރި މެޗް ދާންދޫ ސްޕޯޓްސް ކުލަބްއިން ކާމިޔާބު ކޮށްފިއެވެ.
ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މިމެޗު ދާންދޫ ސްޕޯޓްސް ކުލަބް އިން ކާމިޔާބު ކުރީ 3/1 ސެޓުންނެވެ. މި މެޗުން މޮޅުވުމާއިއެކު ކުޅުނު ދެ މެޗުން މޮޅުވެ ދާންދޫ ސްޕޯޓްސް ކުލަބްއިން ވަނީ ސެމީއާއި ގާތަށް ޖެހިލައިފައެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ކެޕިޓަލް ސިޓީ ފެނުނީ ކުރީމެޗާއި ހިލާފަށް ދަށްކޮށެވެ. އަދި އެސެޓުގައި އެޓީމުން އުފެއްދި ގިނަ ހަމަލާތަކެއް ވަނީ ނާކާމިޔާބު ވެފައެވެ. އެއާއި ހިލާފަށް ދާންދޫ ސްޕޯޓްސް ކުލަބުގެ ޝާމިލްގެ ބާރު ޝޮޓުތަކާއި އެކު ފުރަތަމަ ސެޓު 25/17 އިން ގެންދިޔައެވެ. ދެވަނަ ސެޓުގައި ކެޕިޓަލް ސިޓީގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، ރަނގަޅު ނިންމުންތަކެއް ނިންމާފައިވެއެވެ. އަދި ދެވަނަ ސެޓު 25/20 އިން ކާމިޔާބުކޮށް އުއްމީދު އާކުރިއެވެ. މެޗުގެ ތިން ވަނަ ސެޓުގެ ކުރީކޮޅުގައި ދެޓީމް ފެނިގެން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި ސެޓުގައި ވެސް ތަފާތަކަށް ވެގެން ދިޔައީ ދާންދޫ ސްޕޯޓްސް ކުލަބުގެ ޝާމިލްއެވެ. މިސެޓް ދާންދޫ ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ 25/22 އިންނެވެ. މެޗުގެ ހަތަރު ވަނަ ސެޓުގައި ބޮޑުބައި ލީޑް ކުރަމުންދިޔައީ ކެޕިޓަލް ސިޓީންނެވެ. އެހެން ނަމަވެސް ސެޓުގެ ފަހުކޮޅު ކެޕިޓަލް ސިޓީން ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ދާންދޫ ސްޕޯޓްސް ކުލަބުގެ ހަމަލާތަކުން 25/22 އިން ސެޓު ކާމިޔާބު ކޮށް 3/1 އިން މެޗް ކާމިޔާބު ކުރިއެވެ.
މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ދާންދޫ ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 9 މުހައްމަދު ޝާމިލް އެވެ. ޝާމިލްވަނީ މި މެޗުގައި މޮޅުކުޅުކެއް ދައްކާފައެވެ. އަދި ޝާމިލްގެ ބާރު ޝޮޓުތައް ކެޕިޓަލް ސިޓީއަށް ހުއްޓުވޭ ގޮތެއް ނުވެއެވެ.
މި މެޗާއި އެކު ދާންދޫ ކުޅުނު ދެމެޗް ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މި ގްރޫޕުގައި ބާކީ 3 މެޗު އޮތްއިރު ދާންދޫ ސްޕޯޓްސް އަދި ކެޕިޓަލް ސިޓީއަށް ވެސް ދެން އޮންނާނީ މުހިންމު މެޗުތަކެވެ. ކަނޑުހުޅުދޫ އާއި ދެކޮޅަށް ކެޕިޓަލް ސިޓީ ނިކުންނަ އިރު ދާންދޫ ސްޕޯޓްސް ކުލަބު ވާދަކުރަން ޖެހޭނީ ވިލިނގިލީ ވޮލީބޯލް ކުލަބާއެވެ.
މިމުބާރާތުގައި މާދަމާ ވެސް 2 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަންހެން ޑިވިޝަންގެ ވިލިނގިލީ ވޮލީބޯލް ކުލަބު އަދި މާމެންދޫ އަންހެން ވޮލީ ޓީމް ވާދަކުރާނެއެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:15 ގައެވެ. އަދި ފިރިހެން ޑިވިޝަންގެ ޓޮޕް ބްރަދާސް އަދި ގެމަނަފުށި ވޮލީބޯލް ކުލަބު ވާދަކުރާނެއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:15 ގައެވެ.
2022 ގައި ބޭއްވުނު މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

