ރާއްޖޭގެ އިޖުތިމާއީ ކަންކަން ހައްލުކުރަން ރައީސް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ހައްގުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާ ބޯޓަކުން 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި އަތުލައިގަތުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައްކަން ފާހަގަކުރައްވައި، ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މި ދާއިރާއިން ކުރަމުންގެންދާ ބުރަ މަސައްކަތް ޝުކުރު އަދާކުުރައްވާފައެވެ.
ރައީސްގެ ޕޯސްޓާ ގުޅިގެން ކުރެއްވި ޕޯސްޓުގައި ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ކަންކަން ހައްލުކުރަން ރައީސް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ހައްގު ކަމަށެވެ. އަދި ޅަދަރިންނާއި ޒުވާން ޖީލު މަސްތުވާތަކެތިން ސަލާމަތްކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު ހައްގު ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާ ބޯޓަކުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައ 468.6 ކިލޯގްރާމު ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރައެވެ. ފުލުހުންގެ ޚިދުމަތުން މިހާރު ވަނީ މި މައްސަލާގެ ތަހުގީގު ފަށާފައެވެ.

