ނާޒުކު އަދި ހަވާސާވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި މަމްސް އެއިޑް ޖަމުއިއްޔާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ބުނީ މަމްސް އެއިޑާއެކު ސޮއިކުރެވުނު މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ އެ ވުޒާރާއިން ކުރިއަށްގެންދާ "ހާލު ކިހިނެއް؟" އަދި އިޖުތިމާއީ ބަދަހި މަދަދުވެރިން، "އިބަމަ" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށް ހެދޭ އިންޓަވެންޝަން ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަމްސް އެއިޑްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މީގެއިތުރުން ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށާއި، މައްސަލަތަކާ ގުޅިގެން އަނިޔާ ލިބޭ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ވުޒާރާގެ މެންޑޭޓުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގައި މަމްސް އެއިޑްގެ ފަރާތުން އެ ވުޒާރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ވުޒާރާގެ މަސައްކަތްތަކާއި، ފޯރުކޮށްދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން މަމްސް އެއިޑްއިން ކުރާ މަސައްކަތްތަކުގައި ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މި ފަހުމުނާމާގެ ދަށުން ނާޒުކު ހާލަތްތަކުގައި ތިބި އާއިލާތަކާއި، ވަކި ފަރުދުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމާއެކު، އެމީހުންނަކީ އަމިއްލަ މަސައްކަތުން އުޅޭނޭ ބަޔަކަށް ހެދުމަށް، މަމްސް އެއިޑްއިން ހިންގާ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ވުޒާރާއިން ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަމްސް އެއިޑްއިން ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި މަމްސް އެއިޑްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މިފަދަ ޕްރޮގުރާމުތައް އާންމުންގެ މެދުގައި ޕްރޮމޯޓްކުރުމަށް ވެސް ނިންމާފައިވެއެވެ.

