ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މޯލްޑިވްސް ބުނީ މި މަހު ހިންގުނު ހާއްސަ އިންސްޕެކްޝަންތަކެއްގައި 5 މައްސަލައަކާ ގުޅިގެން 7 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި 7 ބިދޭސީންގެ ތެރޭގައި ހިމެނެނީ 5 އަންހެނުންނާއި އެމީހުންގެ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ 2 ފިރިހެނުންނެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 3 އަންހެނުން މިހާރު ވަނީ ޑީޕޯޓު ކޮށްފައެވެ. އަދި ބާކީ 4 ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގާނޫނާ ހިލާފު ކަންކަން ކުރަމުން އަންނަ ބިދޭސީން ދެނެގަތުމަށް ތަފާތު އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން މިހާތަނަށް 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެ މީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާލާފައެވެ.

