ރާއްޖެ އެތެރެކުރަން އުޅުނު 1.5 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. މިތަކެތި އެތެރެކުރަން އުޅެފައި ވަނީ ކަނޑުމަގުންނެވެ.
މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާއެއްޗެހި ކަމަށް ޝައްކު ކުރެވޭ 1.5 ކިލޯގްރާމުގެ ތަކެތި ވަނީ ފެނިފައެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި ފެނިފައި ވަނީ ސީފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި ހުރި މުދާތަކެއްގެ ތެރޭގައި ކަމަށެވެ. އެ ޝިޕްމަންޓުގައި ހުރި މުދާތަކުގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ ޕެކެޓުތަކެއް ފެނުނީ، ހިމެނޭ ތަކެތި ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުވެގެން އިތުރަށް ބެލިބެލުމުން، ކަމަށެވެ.
އެ ޕެކެޓުތަކުގައި ފޮރުވާފައި ހުރި ތަކެތި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސްއިން ތަޙުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި އެތަކެތީގެ ބަރުދަނުގައި ޖުމްލަ 1.518 ކިލޯގްރާމް ހުރި އިރު މިތަކެތީގެ މަގުމަތީގެ އަގު ތިން މިލިޔަން ރުފިޔާ އަށްވުރެ މަތިވާނެކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލު ކޮށްފައެވެ.
1.518 ކިލޯގެ މަސްތުވާ ތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވާއިރު ރާއްޖެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ބޯޓަކުން ބައި ޓަނެއްހާ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގަނެފައެވެ.

