ފަލަސްތީނުގެ މައްސަލާގެ މުހިންމުކަން އިލްމީ ހަމަތަކުން ކިޔައިދީ، ހޭލުންތެރިކުރުން ވަރަށް މުހިންމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ ފަލަސްތީނަށްޓަކައި މިއަދު ކުރަންޖެހޭ އެންމެ މުހިމު އެއް ކަމަކީ ފަލަސްތީނުގެ ޤަޟިއްޔާގެ މުހިންމުކަން އުންމަތުގެ ދަރީންނަށް އިލްމީ ހަމަތަކުން ކިޔައިދީ، ހޭލުންތެރިކަން އިތުރުކޮށް، އަލްއަޤުޞާ މިސްކިތާ މެދު ލޯބި ޖައްސައި އުންމަތުގެ ޖީލު ތަރުބިޔަތު ކުރުން ކަމަށެވެ.
އެގޮތުން އެމްއެންޔޫއާއި އައިޔޫއެމްގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން އިސްނަގައިގެން ފަލަސްތީނުގެ ޤަޟިއްޔާއާ ބެހޭ ގޮތުން ރޭ ބޭއްވި އިލްމީ ފޯރަމަކީ މަތީ ތައުލީމުގެ ދަރިވަރުން ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ފޯރަމް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ފޯރަމްގައި އިލްމީ އެތައް ވާހަކަތަކެއް ޕެނަލިސްޓުން ކިޔާދެއްވި ކަމަށާއި، އެއީ އިލްމީ، ގާބިލު، ހުނަރުވެރި ޒުވާނުން ފެނިގެން ދިޔަ ފޯރަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއީ މި ފަހުން، ފަލަސްތީނާ މެދު ރާއްޖޭގައި ބޭއްވުނު އެންމެ ފުރިހަމަ އިލްމީ ފޯރަމްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ މި ސިލްސިލާ ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

