އަމާޒަކީ މި އަހަރު ނިމޭއިރު އެމްޕީއެލްގެ އާމްދަނީ 100 މިލިއަނަށް އިތުރުކުރުން ކަމަށް އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ޕީއެސްއެމްއިން ގެނެސްދިން ”ހަފުތާ 52” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޖީހު ވިދާޅުވީ އޭނާ ކުންފުންޏާ ހަވާލުވެވަޑައިގަތުމަށްފަހު ކުންފުނީގެ އާމްދަނީ އިތުރުކުރަން ޚާއްސަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
އެގޮތުން ކުރީ އަހަރާ އަޅާބަލާއިރު، ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ކުންފުނީގެ އާމްދަނީ އިތުރުވެފައިވާ ކަމަށާއި، މީގެކުރިން މަހެއްގެ މައްޗަށް ލިބެނީ 60-70 މިިލިއަން ރުފިޔާގެ އާމްދަނީއެއް ނަމަވެސް، މިހާރު އެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
ވަޖީހު ވިދާޅުވި ގޮތުގައި މިދިޔަ މަހު އެ ކުންފުނީގެ އާމްދަނީ ވަނީ 92 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި އަމާޒަކީ މި އަހަރު ނިމޭއިރު އެމްޕީއެލްގެ އާމްދަނީ 100 މިލިއަނަށް އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
70 މިލިއަން ދަށުގައި ހުރި އާމްދަނީ މިވަނީ އިތުރުވެފައި. އެމްޕީއެލްގެ އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެ، ވަރަށް ރަނގަޅަށް ކުރިއަރައިގެންދާނެ.
ވަޖީހު ވިދާޅުވީ ސަރުކާރުން ބޭނުންވީ މެރިޓައިމް ދާއިރާ ފުޅާކޮށް، ރާއްޖޭގެ އިގުތިސާދަށް ރަނގަޅު މަންފާއެއް ކުރާނެ ކަމެއްގެ ގޮތުގައި އެ ދާއިރާ ހެދުމަށް ކަމަށެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތް ފަށައި އެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި ސީ ޓު އެއާ ކާގޯ ޚިދުމަތް ފެށުމާއެކު ކުންފުންޏަށް ފައިދާވަމުންދާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

