ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީޤު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ފުއާދު އައްޔަންކުރެއްވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ އިއްވަވާފައެވެ.
މަޖިލީހުގެ އަމީންއާންމު، ސިޓީ އިއްވުމާއެކު ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރަން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިކަން އިއުލާނު ކުރައްވާފައެވެ.
ސަފީރުކަމުގެ މަގާމަށް ފުއާދު ހަމަޖައްސާނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މަޖިލީހުގެ ޖަލްސާއެއްގައި ސަފީރުކަމަށް ފުއާދު އައްޔަންކުރަން ފެނޭތޯ ނަގާ ވޯޓުން އެގޮތަށް ފާސްވުމުންނެވެ.
ފުއާދަކީ ދެ ދައުރުގައި އީސީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ފަހު ދައުރުގައި އީސީގެ މެމްބަރުކަމަށް ފުއާދު އައްޔަންކޮށްފައިވަނީ 24 ނޮވެމްބަރު 2019 ގައެވެ. އަދި ކޮމިޝަންގެ ރައީސްގެ މަގާމަށް ހަމަޖެއްސީ 2021 ގައެވެ.

