ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް ގ.ނޫރަންފިނި، މަރްޔަމް އިންޝާ ފައިސަލް އައްޔަންކުރުމަށް އޭނާގެ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިިޓީ އިއްވަވައިފައެވެ.
ރައީސްގެ ސިޓީގައި ވިދާޅުވެފައިވަނީ އިންޝާގެ ނަން ހުށަހެޅުއްވީ އެންއައިސީގެ މެންބަރުކަމަށް ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކަމަށެވެ.
ރައީސްގެ ސިޓީ އިއްވެވުމުން ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.
އެންއައިސީއަކީ ކަސްޓްމްސްއާއި، ފުލުހުންގެ ޚިދުމަތާއި، އިމިގްރޭޝަނާއި، ކަރެކްޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ތަހުގީގުކުރުމަށާއި، އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ.

