އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި، ނައިބު ރައީސް އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ގޮތަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.
މި ދެ ބިލު ހުށަހެޅުމުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މި ބިލުތަކުގައިވާ ގޮތުން، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަންވާނެއެވެ. އަދި ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އެގޮތުން ހުށަހަޅާ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަންވާނެއެވެ.
މީގެއިތުރުން ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިޝަނުގެ ރައީސްކަމުގެ މަގާމުން ނުވަތަ ނައިބު ރައީސްގެ މަގާމުން އެ މީހަކު ވަކިވީ ކަމަށް ދެ ބިލުގައި ވެސް ބަޔާންކޮށްފައިވެއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މި ދެ ބިލު ދިރާސާކުރުމަށްފަހު ނިންމީ އެއްވެސް ބަދަލެއް ނުގެނެސް ދެ ބިލު ފާސްކުރުމަށެވެ.
ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުތައް ފާސްކޮށްފައެވެ.

