ބަރަހަނާ ހާލުގައި ހުޅުމާލޭ މަގުމަތީގައި އުޅުނު ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލަ ފެންމަތިވީ، ސޯޝަލް މިޑީއާގައި ދައުރުވަމުންދާ ވީޑިއޯއަކުންނެވެ. އެ ވީޑިއޯ އިން ފެންނަނީ ހުޅުމާލޭ ރެޑްބުލް ސްކޭޓް ޕާކު ތެރޭގައި، ބަރަހަނާ ހާލުގައި، ފިރިހެނަކު އުޅޭ ތަނެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެމައްސަލައާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ބަރަހަނާ ހާލުގައި އުޅޭ މީހުންގެ މައްސަލަތައް މަދުން ނަމަވެސް ރާއްޖޭގައި ފެންމަތިވަމުން އަންނަ މައްސަލައެކެވެ. ގިނަ ފަހަރަށް މިފަދަ ހަރަކާތްތައް ފެންނަނީ ސިކުނޑީގެ ކޮންމެވެސް މައްސަލައެއް ހުންނަ ފަރާތްތަކުންނެވެ. އަދި އެފަދަ މީހުންގެ ސިކުނޑީގެ މައްސަލަ ދިމާވުމުގެ ހަގީގީ އަސްލަކީ ކޮބައިތޯ އޮޅުންފިލުވާލާއިރު، ގޮސް ގުޅެނީ މަސްތުވާތަކެތީގެ ކޮންމެވެސް ކަހަލަ ބާރުގަދަ، ގެެއްލުންދޭ ބާވަތަކާއެވެ. މިހާރަކަށް އައިސް މާލެ ސަރަހައްދުގެ މަގުތައް މަތިން ބަރަހަނާ ހާލަށް ނުދިޔަ ނަމަވެސް، މީހާގެ ހޭވެރިކަމާއި ސާފުތާހިރުކަމާއި އިންސާނެއްގެ ނަލަ ސިފަތައް މުޅިންހެން ގެއްލިފައި ތިބޭ ދެޖިންސުގެ ޒުވާނުން، އަމިއްލަ ދުނިޔެއެއްގައި އެހެން މީހުންނަށް ނުފެންނަ މީހުންނާ ދިމާއަށް އަޑުލައި ހަޅޭއްލަވަމުން ނޫނީ ރޮމުން އަޑުގަދަކުރަމުންދާ މަންޒަރުތައް ފެންނަލެއް މަދެއް ނޫނެވެ. މިއީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތްތަކުގެ ސަބަބުން ދިމާވާ ކަންތައްތަކެވެ.

