އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު މޫސުން ވަރަށް ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އިރުން ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ، ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ކޮޅިގަނޑު ދަތުރުކުރަމުންދާނެ ކަމަށް ބެލެވެނީ ހުޅަނގު އުތުރުން އިންޑިއާގެ ޓެމިލްނާޑް – ސްރީލަންކާ އައްސޭރިފަށާ ދިމާއަށް ކަމަށެވެ.
މީގެއިތުރުން ރާއްޖެއާއި ދުރުން ރާއްޖޭގެ އިރުދެކުނުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ.
މި ދެ ކޮޅިގަނޑާ ގުޅިގެން މި ހަފުތާގެ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމު ވައި ބާރުވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި އާންމު ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް މެޓު އޮފީހުން ބުންޏެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

