ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ 4000 ފްލެޓުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ނިމޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ބުނެފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ދަނީ 4000 އެޕާޓްމެންޓު ހިމެނޭ 32 ޓަވަރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މި ޓަވަރުތަކުން އެޕާޓްމެންޓްތައް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ޝަރުތުހަމަވެ، އެންމެ މަތިން މާކްސް ލިބުނު 4000 މީހަކަށެވެ.
ދައުލަތުގެ މީޑިއާއަށް އެފްޑީސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާރު ލަފާކުރެވޭ ގޮތުން އަންނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި 4000 ފްލެޓުގެ މަސައްކަތް ނިމޭނެއެވެ. އަދި މަސައްކަތް އަވަސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ތަވާލު މުރާޖަޢާކުރަމުން އަންނަކަމަށާއި މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.
އެފްޑީސީގެ 4000 ފްލެޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް، ކޭޕީއައިއެލްއާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕޮރޭޝަން، އެންބީސީސީންނެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. އެގޮތުން ކޭޕީއައިއެލްއިން ތަރައްޤީކުރަމުންދާ 16 ޓަވަރަށް “އަމާން އުދަރެސް” އަދި އެންބީސީސީން ތަރައްގީކުރަމުންދާ 16 ޓަވަރަށް ދީފައިވާ ނަމަކީ “އަމާން ދޯދި”އެވެ.
މި ފްލެޓުތަކުގައި 3 ކޮޓަރިއާއި 2 ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭހެން ޓަވަރުތަކުގެ ތިރީ ދެ ފަންގިފިލާގައި ކޮމާޝަލް ޔުނިޓުތަކެއް ގާއިމު ކުރުމަށް އެފްޑީސީން ވަނީ ނިންމާފައެވެ.
އެފްޑީސީ އިން ބުނެފައިވާ ގޮތުގައި، ފްލެޓުތައް އަޅާފައިވާ ސަރަހައްދުގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ޒަރޫރީ ތަކެތި ގަނެވޭނެ ފިހާރަތަކާއި ޒުވާނުންގެ ސެންޓަރުތަކާއި އޮފީސް ޖާގަތަކާއި ކެފޭ ރެސްޓޯރަންޓްތައް ހުންނާނެ އެވެ.

