ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ ފިއުލް ފާމް، ތިލަފުއްޓަށް ބަދަލުކުރަން ނިންމައިފިއެވެ. މި މައުލޫމާތު ހާމަކުރެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިމާދެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިމާދު ވިދާޅުވީ، ފުނަދޫގައި ހުރި އެސްޓީއޯގެ ތެޔޮ ފާމު ތިލަފުއްޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ފުނަދޫގައި ތެޔޮ ރައްކާކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރުމުން ކަމަށްވެސް ޝިމާދު ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ބޮޑެތި އުޅަނދުފަހަރު ކައިރިކުރުމުގެ ދަތިކަމާއި، ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުސަތު ނެތުން ހިމެނެއެވެ.
ޝިމާދު ވިދާޅުވީ، މި ބަދަލާއެކު އިކޮނޮމީ ސައިޒުގެ އުޅަނދުފަހަރު ގެނެސް، ތެލުގެ އަގު ދަށްކޮށް، ތެލުގެ ވިޔަފާރި ފުޅާކުރެވޭނެ ކަމަށާއި މަޝްރޫއުގެ އަމާޒަކީ ވީހާވެސް އަވަހަކަށް ތިލަފުށީގައި ރަނގަޅު ސްޓޯރޭޖެއް ގާއިމުކޮށް، ރާއްޖެއަށް ބޭނުންވާ ތެލަށް ބަލާފައި ރަނގަޅު ސައިޒެއްގެ ސްޓޯރޭޖުތަކެއް ގާއިމުކުރުން ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތުވެސް ޝިމާދު ހިއްސާކުރެއްވިއެވެ. އެގޮތުން މިހާރު ކޮންސަލްޓަންޓެއް ހަމަޖައްސާފައިވާ ކަމަށާއި، މިވަގުތު ކުރިއަށްދަނީ އެތަނުގެ ޑިޒައިންކުރުމާއި ކޮންސެޕްޓުގެ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ. އަދި ޑީޓެއިލް ޑިޒައިން އާއި ކޮންސެޕްޓުގެ މަސައްކަތް ނިމުމުން 18 ނުވަތަ 24 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމަށް އަންދާޒާކުރައްވާ ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.
މިއީ އެސްޓީއޯގެ އެންމެ ބޮޑު އެއް މަޝްރޫއުކަން ފހަގަކުރެއްވުމާއެކު ޝިމާދު ވިދާޅުވީ މި ބަދަލާއެކު ރާއްޖޭގެ ތެލުގެ ވިޔަފާރީގައި އައު ދޮރެއް ހުޅުވި، އިގުތިސާދީގޮތުން ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުއްމީ ކުރައްވާ ކަމަށެވެ.

