ރާއްޖޭގައި އެންމެ ފަހުން ސިޓީގެ ދަރަޖަ ދިން ތިނަދޫގެ އެދަރަޖަ ބާތިލު ކުރަން ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީބާރު ކެނޑުވުމުގެ މަގުސަދުގައި ހިންގާފައިވާ އަމަލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަލްސަން އަހުމަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބު ވަނީ ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައެވެ.
މިކަމާ ގުޅިގެން މެމްބަރު އަލްސަން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒުކުރުމަށް ހުރަސްއަޅައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކުޑައިމީސްކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީގޮތުން ލިބިދޭ ޤާނޫނީ ބާރު ކެނޑޭގޮތަށް ހިންގާފައިވާ އަމަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީ، ގާނޫނު ނަންބަރު:2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 51ވަނަ މާއްދާގެ (ރ)ގެ ދަށުން ތިނަދޫ ސިޓީ ކައުންސިލެއް ރައީސުލް ޖުމްހޫރިއްޔާ އުފައްދާފައިވަނިކޮށް، ސިޓީ ދަރަޖައާމެދު ސުވާލު އުފައްދައި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒުކުރުމަށް ހުރަސްއަޅައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކުޑައިމީސްކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީގޮތުން ލިބިދޭ ގާނޫނީ ބާރު ކެނޑޭގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ ރުހުމާއެކު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ އަށް އައްޔަންކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބް އަޙްމަދުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ސަރުކާރުގެތެރެއިން ހިންގާ އަމަލެއް،"
މިއީ ތިނަދޫ ރައްޔިތުންގެ މަސްލަހަތާއި ހަމަޖެހުން ނަގާލުމަށް ހިންގާ އަމަލެއްކަމުގައި ދެކެވަޑައިގަންނަވާތީވެ، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ހުރަސްއަޅާ އެފަދަ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އަޅުއްވައި ދެއްވުމަށް ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުން ހިމެނޭހެން މުޅި ތިނަދޫ ރައްޔިތުންގެ ފަރާތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލައްވާ ކަމަށްވެސް އަލްސަން ވަނީ ވިދާޅުވެފައެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވެސް ވަނީ މިއީ ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވި ސިޔާސީ މަގާމެއްގައި ހުންނެވި ރާގިބު ތިނަދޫއާއި މެދު ގެންގުޅޭ ޒަމާންވީ ޒާތީ ހަސަދަވެރިކަމެއްގެ ތެރެއިން ރާއްޖޭގެ ވަލިއްޔުލްއަމުރާއި ދެކޮޅަށް ކުރާ ބަގާވާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުންނެވެ. އަދި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ތިނަދޫ ކައުންސިލަކީ "ތިނަދޫ ސިޓީ ކައުންސިލް" ގެ ގޮތުގައި ހަމަޖައްސަވާފައެވެ.

