މުޖުތަމަޢަކީ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދެވޭ އަމާން މާހައުލެއް ގާއިމުކޮށް، އެއްވެސް ފަރުދަކު ބާކީ ނުވާނެހެން އެންމެން ޝާމިލުވެ އުޅޭ އުފާވެރި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކޮންމެހެން މުހިންމު ކަމަށް އާއިލީ ތަރައްގީއާ ބެހޭ ވަޒީރު އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިހާމް މިހެން ވިދާޅުވީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ) އިން ބާއްވާ 2 ދުވަހުގެ މަދަނީ ޖަމުޢިއްޔާތަކުގެ މަހާސިންތާގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުލު ދައްކަވަމުންނެވެ.
މިނިސްޓަރު ޝިހާމް ވިދާޅުވީ އޯގާތެރި މުޖުތަމަޢެއްގެ ގޮތުގައި ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވެސް ތަޞައްވުރެއް ކަމަށެވެ. ގޮތުން ސަރުކާރުގެ ސިޔާސަތުތަކާއި އަދި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތައް ބައްޓަންކުރެވިގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ މި ތަޞައްވުރާ އެއްގޮތަށް ޢާއިލީ ރައްކާތެރިކަމާއި، އިޖްތިމާޢީ ހަމަޖެހުން ޤާއިމުކުރުމާއެކު، އެކި ބާވަތުގެ ހާނިއްކަ (އެބިއުސް) އާއި އަނިޔާ ލިބިފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އިސްރަށްވެހީންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކޮށް އެ އަމާޒަށް ވާޞިލުވުމަށް ކަމަށެވެ.
އަދި ވަކި ޖިންސަކަށްވީތީ ތަހައްމަލް ކުރަންޖެހޭ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް މި ވުޒާރާއަށް ކޮންމެ އަހަރަކު ވެސް ހުށަހެޅޭ ކަމަށާއި. ދިވެހި ސަރުކާރުގެ މިހާރުގެ ސިޔާސަތު ކަމުގައިވާ “އޯގާތެރި މުޖްތަމަޢު” އަކީ މިފަދަ އަނިޔާވެރިކަން ނައްތާލުމަށް ކުރާ މަސައްކަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މިފަދަ އަނިޔާ މަދުކުރެވޭނެ ގޮތަކަށް މަސައްކަތްތައް ރާވައި ބައްޓަންކުރުން ކަމަށްވެސް ވިދޅުވިއެވެ.
މިގޮތުން އެންމެ މުހިއްމު އެއް މަސައްކަތަކީ، ދުރާލާ އާއިލާތައް ބާރުވެރި ކުރުން ކަމަށާއި، އެއީ އާއިލާއެއްގެ ތެރޭގައި ހަމަނުޖެހުމާއި، ދަތިކަމާއި، ދެންވެސް އެއާއިލާގެ މެމްބަރުންގެ ރައްކައުތެރިކަމާއި އަމާންކަމަށް ނުރައްކާވެދާނޭ ހާލަތެއް އައިސްފާނޭ ފަދަ އާއިލާތައް ފާހަގަކޮށް، އެފަރާތްތަކަށް ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން އެކުގައި އެހީތެރިވެ، ރައްކައުތެރި އަމާން އައްސޭރިއަކަށް ގެނެސްދިނުން ވެސް މުހިންމު ކަމަށެވެ.

