ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާނީ މިހާރު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ބާރަށް ހިނގަމުންދާ އިސްރާއީލުގެ ޕާސްޕޯޓް މައްސަލައާ މެދު ގޮތެއް ނިންމާފައި ކަމަށް، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޑރ. ޝަޒުރާ އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، މަޖިލިސް ބަންދު ދުވަސްތަކުގައިވެސް އިސްރާއީލުގެ ޕާސްޕޯޓްގެ މައްސަލަ އަވަސް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އެ ކޮމިޓީ ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
“މާތްﷲ އިރާދަކުރެއްވިއްޔާ މި މަސް ނިމުމުގެ ކުރިން، މަޖިލީސް ރިސެސްއަށް ދިއުމުގެ ކުރިން، ތިއީ ވަރަށް ބޮޑު ކަމެއް އެނގޭތޯ، ތިއީ ކުޑަ ކަމެއް ނޫން، އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ގައުމަކަށް ތިވަރުގެ ބޮޑު ޑިޒިޝަނެއް ނަގާއިރު، ވަރަށް ގިނަ ފަރާތްތަކާއި ޑިސްކަސް ކުރަން އެބަ ޖެހޭ،” މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީގައި ހިނގަމުންދާއިރު، މި މައްސަލައިގައި ގިނަ ފަރާތްތަކާ މަޝްވަރާ ކުރުމަށް އެ ކޮމިޓީން ނިންމާފައިވެއެވެ. އަދި އެ ކޮމިޓީގެ ބައްދަލުވުންތައް މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ދަނީ ކުރިއަށެވެ.
މެންބަރު މުހައްމަދު އިސްމާއީލް އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު، ގައުމަށް އެންމެ ލޮޅުން ކުޑަ އަދި އިގުތިސާދީ ގޮތުން އެންމެ އަސަރު ކުޑަވާނެ ގޮތަކަށް ކޮމިޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޑިސެމްބަރު 15 އާ ހަމައަށް މަޖިލިސް މިހާރު ވަނީ ދަންމާލާފައެވެ. މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މި ބިލާ މެދު ވަކި ގޮތެއް ނިންމާނެ ކަމަށެވެ.

