ގއ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ " ރާވެރިޔާ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ނިލަންދޫ ޓޮޕް ބްރަދާސް އަދި ގއ ގެމަނަފުށި ވޮލީ ކުލަބު ވާދަކުރި މެޗް ނިލަންދޫ ޓޮޕް ބްރަދާސްއިން ކާމިޔާބު ކޮށްފިއެވެ.
ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މިމެޗު ޓޮޕް ބްރަދާސްއިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މި މޮޅާއިއެކު ޓޮޕް ބްރަދާސް އަށް ސެމީ ފައިނަލްގެ ޖާގަ ވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ. މިމުބާރާތުގައި އެޓީމް ކުޅުނު ދެ މެޗް ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ފުރަތަމަ މެޗުގައި ކޮނޑޭ ވޮލީ ކުލަބާއި ވާދަކޮށް 3/1 މެޗް ކާމިޔާބު ކުރިއެވެ. މި ގްރޫޕްގެ އެއްވަނަ ޓީމް ކަނޑައެޅޭނެ މެޗަކީ 29 ނޮވެމްބަރު ގައި ޓޮޕް ބްރަދާސް އަދި ބޮން ބޮން ސްޕޯޓްސް ކުލަބު ވާދަކުރާ މެޗެވެ.
މިރޭގެ މެޗުގެ ފުރަތަމަ ސެޓުން ފެށިގެން ޓޮޕް ބްރަދާސް އިން ވަނީ މޮޅު ކުޅުމަކާއިއެކު ރަނގަޅު ނިންމުންތަކެއް ނިންމާފައެވެ. ހާއްސަކޮށް ޖާޒީ ނަންބަރު 05 އިބްރާހިމް ފަޒީޅްގެ ބާރު ޝޮޓުތައް ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ސެޓު 25/14 އިން ޓޮޕް ބްރަދާސް ކާމިޔާބު ކުރިއިރު ދެވަނަ ސެޓުވެސް ބޮޑު ލީޑަކާއި އެކު 25/12 އިން ކާމިޔާބު ކުރިއެވެ. މެޗުގެ ތިންވަނަ ސެޓުވެސް ފަސޭހަކަމާއި އެކު ކާމިޔާބު ކުރިއެވެ. ތިންވަނަ ސެޓް ޓޮޕް ބްރަދާސްއިން ކާމިޔާބު ކުރީ 25/22 އިންނެވެ.
މިމެޗުން ގެމަނަފުށި ވޮލީ ކުލަބު ބަލިވުމުން އެޓީމަށް ސެމީއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލުނީއެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ޓޮޕް ބްރަދާސްގެ ޖާޒީ ނަންބަރު 5 އިބްރާހިމް ފަޒީލް އެވެ. މިއީ ފަޒީލް މި މުބާރާތުގައި ކާމިޔާބު ކުރި ދެވަނަ މޭން އޮފް ދަ މެޗެ.
މި މުބާރާތުގައި މާދަމާ ކުޅެން ހަމަޖެހިފައިވަނީ 1މެޗެވެ. އެއީ ފިރިހެން ޑިވިޝަންގެ ވިލިނގިލީ ވޮލީ ކުލަބާއި، ގއ ކަނޑުހުޅުދޫ ވޮލީޓީމް ވާދަކުރާ މެޗެވެ. މި މެޗެ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:15 ގައެވެ.
2022 ގައި ބޭއްވުނު މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

