ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބޭއްވި މޮނިއުމެންޓް މުބާރާތުގެ އެއްވަނައަށް ދިޔަ ޑިޒައިނާ ގުޅިގެން އެ ކުންފުންޏަށް ލިބިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު، ޑިޒައިންތައް އަލުން ބަލަން ނިންމައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު، ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓާ މޮނިއުމެންޓްތަކުގެ ޑިޒައިން ހެދުމަށް އެޗްޑީސީން ހުޅުވާލިއިރު އެ މުބާރާތުގެ ތީމަކީ "ދިވެހިންގެ ރާއްޖެ"އެވެ. މުބާރާތުގައި އެންމެ ފުރިހަމަ ޑިޒައިނެއް ހުށަހަޅާ މީހަކަށް 100،000ރ. ގެ ފައިސާގެ އިނާމެއްވެސް އެޗްޑީސީން ހުށަހެޅިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ މުއްދަތު ހަމަވިއިރު، ޖުމްލަ 7 ފަރާތަކުން ޑިޒައިން ހުށަހަޅާފައިވާކަމަށެވެ. އަދި އެ ހުށަހެޅުންތަކުގެ ތެރެއިން ވަނަ ހޮވާފައި ވަނީ އެކަމަށް ކަނޑައެޅި ޕްރޮފެޝަނަލް ސްޓާފުންގެ ޖަޖުންގެ ޕެނަލަކުން ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށްފަހު ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ..
އެހެންނަމަވެސް މުބާރާތުގެ އެއްވަނައަށް ދިޔަ މޮނިއުމެންޓް ޑިޒައިންތަކަކީ އޭއައި ޖެނެރޭޓެޑް ޑިޒައިންތަކެއް ކަމަށް ބުނެ އާންމުން ޝަކުވާތަކެއް ލިބފައިވާ ކަން ހާމަކުރުމާއެކު، އެޗްޑީސީ އިން ބުނީ، ވަނަ ލިބުނު ޑިޒައިންތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމުބާރާތުގެ މަގުސަދަކީ ހުޅުމާލޭގެ ތަރައްގީއަށް އެކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގައި ދިވެހި ފަންނުވެރިންގެ ޚިޔާލާއި ވިސްނުން ހިމެނުން ކަމަށެވެ.
އެފަދަ މުބާރާތްތަކުގައި ދިވެހި ފަންނުވެރިންނަށް ފުރުސަތު ނުލިބޭ ގޮތަށް އެކޯޕަރޭޝަނުން އަމަލު ނުކުރާނެ ކަމަށާއި އަދި ރައްޔިތުންނާ ގުޅޭ އެފަދަ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް އެޗްޑީސީން ވަނީ ފާހަގަ ކޮށްފައެވެ.
ހަމައެހެންމެ، އެ ކުންފުނީގެ ހުރިހާ މަސައްކަތަކީވެސް ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންދާ މަސައްކަތްތަކަކަށް ހެދުމަކީ އަމާޒެއްކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

