ޒަކާތު ފަންޑުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މި އަހަރު 8 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފިއެވެ.
އެންސްޕާއިން މިއަދު ޢާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މި ސަރުކާރުން ބޯން މެރޯ ހެދުމަށް މި އަހަރު ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ 14 ކުދިންނެވެ. މީގެ ތެރެއިން 8 ކުދިންގެ ޓްރާންސްޕްލާންޓް ނިމިފައިވާއިރު، 5 ކުދިންގެ ޓްރާންސްޕްލާންޓް މިހާރުވެސް ދަނީ ކުރިއަށެވެ. އަދި ހިތާމަވެރި ކަމަކީ، ފަރުވާ ހޯދަމުންދިޔަ އެއް ކުއްޖަކު ނިޔާވެފައިވުމެވެ. ނަމަވެސް، 3 ކުދިން ވަނީ ފަރުވާ ފުރިހަމަކޮށް ބަލިން ފަސޭހަވެފައެވެ.
ސަރުކާރުން ނިންމާފައިވާ ގޮތުގައި، ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެއެވެ. މި ގޮތުން، އަންނަ އަހަރު ފޮނުވާނެ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ބޯންމެރޯ ހަދަން އެދި ހުށަހަޅާފައިވާ ކުދިންގެ ތެރެއިން، ސިއްޙީ ޙާލަތު ތަންދޭ ކުދިން ދެނެގަތުމަށް ބޭނުންވާ ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ޕްރޮގްރާމަކީ ޒަކާތު ފަންޑުގެ އެހީގައި ހިންގާ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް މުޖުތަމަޢުގެ ބޭނުންތެރި ދާއިރާތަކަށް ޒަކާތުގެ ފައިސާ ބޭނުންކުރުމުގެ މުހިންމު މަޝްރޫޢެކެވެ. މިޕްރޮގްރާމްގެ ސަބަބުން، ގިނަ އަދަދެއްގެ ދިވެހި ކުދިންނަށް އެކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާ ލިބިގެންދާނެއެވެ.
ފަރުވާ ހޯދުމަށް ބޯން މެރޯ އޮޕަރޭޝަން ކުރުމަށްފަހު 3-6 މަހުގެ މުއްދަތަކަށް ރާއްޖެއިން ބޭރުގައި ތިބެންޖެހޭކަން އެންސްޕާއިން ފާހަގަކޮށްފައިވެއެވެ.

