ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް އަމާޒުކޮށް ސަރުކާރުން އިފުތިތާހުކުރި “ހިޔާވެހި ފައިނޭންސިންގ” ސްކީމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާތާ 3 މަސް ދުވަހުގެ ތެރޭގައި ލޯނު ދޫކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ ގެދޮރު އިމާރާތްކުރުމަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކުރެވިގެން “ހިޔާވެހި ފައިނޭންސިންގ” ނަމުގައި އިސްލާމިކް ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ޕްރޮގްރާމެއް އިފުތިތާހުކުރީ މި މަހުގެ 05 ގައެވެ.
މި ސްކީމަށް ކުރިމަތިލުމަށް ހުޅުވައިލީ މި މަހުގެ 08 ވަނަ ދުވަހުއެވެ. ސްކީމްގެ އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 08 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ ރޭ 23:59 އެވެ.
ޕީއެސްއެމްގެ ”ހަފުތާ 52” ޕްރޮގްރާމުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ހިޔާވެހި ސްކީމުގެ އިވެލުއޭޝަން ފަށާނީ އެޕްލިކޭޝަން ފޯމުތައް ލިބޭ ހިސާބުން ކަމަށެވެ. އަދި ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެތެރޭގައި ލޯނުތައް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން %5 ޕްރޮފިޓް ޕަސެންޓޭޖްގައި ދިނުމަށް ކަނޑައެޅިފައިވާ އިސްލާމިކް ފެސިލިޓީތަކެވެ.
މި ޕްރޮގްރާމަށް ރާއްޖޭގެ އަތޮޅުތަކުން އެދި ހުށަހަޅާ ފަރާތްތަކަށް 1 މިލިއަން ރުފިޔާ (ރަށްވެހި ފައިނޭންސިންގ ސްކީމް)، މިނިސްޓްރީއިން މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އަރބަން ސެންޓަރތަކުން އެދި ހުށަހަޅުއްވާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ (ސަހަރު ފައިނޭންސިންގ ސްކީމް) އަދި ފުރަމާލެއިން އެދި ހުށަހަޅުއްވާ ފަރާތްތަކަށް 6 މިލިއަން ރުފިޔާ (ފަހިމާލެ ފައިނޭންސިންގ ސްކީމް) އާއި ހަމައަށް މި ފެސިލިޓީން ފުރުސަތު ލިބިގެންދާނެއެވެ.
މި ފެސިލިޓީތަކަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހިޔާވެހި ޕޯޓަލް (www.hiyaavehi.housing.gov.mv) މެދުވެރިކޮށެވެ.

