އިއާދަކުރުވަނިވި ހަކަތައާއެކު ވ.ރަކީދޫގައި ކޮންމެ ދުވަހަކު ވެސް ޖަނަރޭޓަރު ހިންގަން ޖެހެނީ އެންމެ ދެ ގަޑިއިރުވަންދެން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު ރަކީދޫގައި ކަރަންޓް ބޭނުންކުރި މިންވަަރު ފެންނަ ޗާޓެއް ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަހުމީ ވިދާޅުވީ ރަކީދުއަށް މިހާރު ކަރަންޓް ފޯރުކޮށްދެނީ ޕީވީ-ބީއީއެސްއެސް-ޑީޖީ ސިސްޓަމުން ކަމަށެވެ.
ސޯލާ އަދި ބެޓެރި ސްޓޯރޭޖާއެކު އެ ރަށަށް ކަރަންޓު ދިނުމަށް ޖަނަރޭޓަރު ހިންގަން ޖެހެނީ ދުވާލަކު އެންމެ ދެ ގަޑިއިރުވަންދެން ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
އެ ރަށުގައި މި މަހުގެ 24 ވަނަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރާއި ސޯލާއިން ކަރަންޓު އުފައްދައި ފޯރުކޮށްދިން މިންވަރާއި ބެޓެރިން ކަރަންޓު ފޯރުކޮށްދޭ މިންވަރާއި ވަގުތުގެ އިތުރުން ޖަނަރޭޓަރުން ކަރަންޓު ފޯރުކޮށްދޭ މިންވަރު ފެންނަ ޗާޓު ހިއްސާކުރައްވައި ކުރެއްވި ޕޯސްޓުގައި ފަހުމީ ވަނީ ހަކަތައިގެ %33 އިއާދަކުރުވަނިވި ހަކަތައަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ.

