ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލު އަނބުރާ ގެންދަވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު އެ ބިލު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
މި ބިލު އަނބުރާ ގެންދަވަން މަޖިލީހުގައި އެދިވަޑައިގަތީ އެއީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާތީ ކަމަށް މެންބަރު ހަންނާނު ވަނީ ވިދާޅުވެފައެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ބިލު އަނބުރާ ގެންދަވާފައިވަނީ މި ބިލާމެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
މި ބިލުގައިވާ ގޮތުން ޖުމްލަ 7 މެންބަރުންގެ މައްޗަށް އެކުލަވައިލެވޭ އާ ކޮމިޝަނުގައި ތިބޭނީ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 4 މެންބަރުންނާއި، މީޑިއާތަކުން އައްޔަންކުރާ 3 މެންބަރުންނެވެ. އަދި އެ ކޮމިޝަނުގެ ރައީސާއި، ނައިބު ރައީސް އައްޔަންކުރުމުގެ ބާރު، ބިލުގައި ދީފައިވަނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއަށެވެ.
މީގެއިތުރުން މީޑިއާތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ޚިލާފުވެއްޖެނަމަ، އެ މީޑިއާއެއް ބޮޑު އަދަދުތަކުން ޖޫރިމަނާކުރުމަށް ހިމަނާފައިވެއެވެ.

