ޤުރުއާނުގެ ޢިލްމު ފެތުރުމަށްޓަކާ ވިލިނގިލީ ކައުންސިލުން މިނިސްޓްރީ އާއި މަޝްވަރާ ކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގއ. ވިލިނގިލި ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.
އޮންލައިންކޮށް ކުރިއަށްދިޔަ އެ ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްވެރިންނާއި ވިލިނގިލި ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ވިލިނގިލި ކައުންސިލުން ވަނީ އެރަށުގެ މިސްކިތްތަކުގެ ހާލަތު ވަޒީރާއި ޙިއްސާކުރައްވާ މިސްކިތްތަކުގެ މަރާމާތުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިލައްވާފައެވެ.
މީގެ އިތުރުން އެރަށުގައި ޤުރުއާނުގެ ޢިލްމު ފެތުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ޤާއިމްކޮށްދިނުމަށްވެސް ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އެރަށު ކައުންސިލުން އެދިލެއްވި ކަންކަން ކުރިއަށް ގެންދިއުމަށް ވުޒާރާގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
