މިހާތަނަށް 3200 އަށްވުރެ ގިނަ މީހުން ވަނީ ހިލޭ މެޑިކަލް ޗެކަޕް ހިދުމަތް ހޯދާފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކުރި ގޮތުގައި، އާސަންދަ ސްކީމުގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ މަގު ފަހިކޮށްދިނުމާ ގުޅިގެން، މިހާތަނަށް 3200 އަށްވުރެ ގިނަ މީހުން ވަނީ މި ހިދުމަތް ހޯދާފައެވެ.
ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން އެންސްޕާއިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 3238 މީހުން މި ހިދުމަތް ހޯދާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1411 ފިރިހެނުންނާއި 1827 އަންހެނުންނެވެ.
ރާއްޖޭގައި އިތުރުވަމުންދާ ދާއިމީ ބޮޑެތި ބަލިތައް ދުރާލާ ދެނެގަތުމަށްޓަކައި، ސަރުކާރުން މިދިޔަ ޖުލައި މަހު އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލް ޗެކަޕް ހުރިހާ އުމުރުފުރައަކަށް ހެދޭ ގޮތަށް ހުޅުވާލިއެވެ. މި ޕްރޮގްރާމް ފެށިގެން އައީ ތަފާތު މަރުހަލާ ތަކަކުންނެވެ. އެގޮތުން:
- 2024 ޖެނުއަރީ 1 އިން ފެށިގެން: 50 އަހަރުން މަތީގެ މީހުންނަށް
- 2024 އޭޕްރީލް 1 އިން ފެށިގެން: 35-49 އަހަރާ ދެމެދުގެ މީހުންނަށާއި 19 އަހަރުން ދަށުގެ ކުދިންނަށް
- 2024 ޖުލައި މަހުން ފެށިގެން: ހުރިހާ އުމުރު ފުރައަކަށް
އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ޚިދުމަތް އެންމެ ގިނައިން ހޯދާފައިވަނީ 40 އަހަރުން މަތީގެ މީހުންނެވެ. އެ އުމުރުފުރައިގެ 2428 މީހުން މި ހިދުމަތް ހޯދާފައިވެއެވެ. އަދި 40 އަހަރުން މަތީގެ ކޮންމެ މީހަކަށް ހިލޭ ކެންސަރަށް ސްކްރީން ކުރެވޭނެ ގޮތްވެސް ހަމަޖެހިފައިވާއިރު، 512 މީހުން މި ޕެކޭޖް ނަގާފައިވެއެވެ.
- މީގެ އިތުރުން:
- 19-39 އަހަރާ ދެމެދުގެ 278 މީހުން
- 18 އަހަރުން ދަށުގެ 20 ކުދިން ސްކޫލް ހެލްތު ސްކްރީނިންގ ހަދާފައިވޭ
ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ ކުޑަކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ތަޢާރަފުކުރެވުނު މި ޕްރޮގްރާމްގެ ބޭނުން ހިފުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރައްވައެވެ. މީގެ ސަބަބުން ދުރާލާ ބަލި ދެނެގަނެވި އެބަލިން އަރައިގަތުމަށް ފުރުސަތު ލިބޭނެ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ.

