ތަދުކެނޑުވުމަށް ބޭނުންކުރާ ދެ ބޭހެއް ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ އެ ދެ ބޭހުގައި ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ހުރިކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.
އެމްއެފްޑީއޭގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މާކެޓުގައި ލިބެންހުރި ބޭސްތަކަކީ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސްތަކެއްކަން ކަށަވަރުކުރުމަށްޓަކައި އެ އޮތޯރިޓީން މެދުނުކެނޑި މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މީގެ ތެރޭގައި މާކެޓުން ބޭހުގެ ސާމްޕަލް ނަގައި ސްކްރީންކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ މާކެޓުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން ތަދުކެނޑުވުމަށް ބޭނުންކުރާ ދެ ބޭހެއްގައި ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. މި ދެ ބޭހުގެ ކޮންފަރމޭޓަރީ ޓެސްޓް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި ދެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން ވަނީ ވަގުތީގޮތުން މަނާކުރެވިފައެވެ. މީގެ އިތުރުން، މިވަގުތު ބޭސްފިހާރަތަކާއި ބޭސް ގުދަންތަކުގައި ހުރި މި ދެ ބޭހުގެ ސްޓޮކް ވަކިކޮށް ބެހެއްޓުމަށް އެމްއެފްޑީއޭއިފްޑީއޭއިން ވަނީ އަންގާފައެވެ.
“އަޅުގަނޑުމެންގެ އެންމެ އިސް އަމާޒަކީ ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ އިތުރު ތަހުލީލުތައް ހެދެން ދެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.” އެމްއެފްޑީއޭ

