މަގުމަތީގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ގާއިމްކުރި “އޮޅުހިޔާ” ރަސްމީކޮށް ހުޅުވިފަހުން، މިހާތަނަށް މަގުމަތީގައި އުޅޭ ބުޅާތައް އެފެސިލިޓީއަށް ގެންދިއުމުގެ އަމަލީ އެއްވެސް މަސައްކަތެއް މާލޭ ސިޓީ ކައުންސިލުން ކޮށްފައިނުވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި މަގުމަތީ އުޅޭ ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް ގާއިމުކުރި ޕެޓް ކެއަރ ފެސިލިޓީ ހުޅުވާފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.
ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިނގާ ބުޅާ ފެސިލީޓީގެ އެންމެހާ މަސައްކަތް ހަވާލުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލާއެވެ. އެގޮތުން އެތަނަށް ބޭނުންވާ ވަސީލައްތަކާއި މުވައްޒަފުން ހޯދުމާއި ބުޅާތައް އެތަނަށް ގެންދިއުމުގެ ޒިންމާވެސް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން މާލެ ސިޓީކައުންސިލާއެވެ.
އޮޅުހިޔާ ހުޅުވައި، ފުރަތަމަ ހަފްތާ ތެރޭގައި ބުޅާތައް އެ ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން ސިޓީކައުންސިލުން ވަނީ ވިދާޅުވެފައިވީ ނަމަވެސް މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ އެއްވެސް މަސެއްކަތެއް މިހާތަނަށް މާލޭ ސިޓީކައުންސިލުން ކޮށްފައިނުވާކަން ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ދާދި ފަހުން ސިޓީކައުންސިލުން ވަނީ އެ ފެސިލިޓީގެ އޮޕަރޭޝަން ފަށައިގަތުމަށް މަސައްކަތް ކުރަމުންދާކަމަށާއި މިހާރު ކުރެވެމުންދަނީ ޝެލްޓަރއަށް ބޭނުންވާ މީހުންނާއި ތަކެތި ހޯދުމުގެ މަސައްކަތްކަމަށް ވިދާޅުވެފައެވެ. އަދި އެތަނުގެ ހިދުމަތް އަންނަ، ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފަށައި ގަނެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

