ގއ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ " ރާވެރިޔާ ވޮލީ މުބާރާތް 2024 " އަންހެން ޑިވިޝަންގެ ހަތް ވަނަ މެޗުގައި ޓޮޕް ބްރަދާސް އަދި ކޮނޑޭ ވޮލީ ކުލަބު ވާދަ ކުރި މެޗް ޓޮޕް ބްރަދާސް އިން ކާމިޔާބު ކޮށްފިއެވެ.
މި މެޗް ޓޮޕް ބްރަދާސް އިން ކާމިޔާބު ސީދާ ތިން ސެޓުންނެވެ. މި މެޗުން މޮޅު ވުމާއި އެކު ޓޮޕް ބްރަދާސްއިން ވަނީ ސެމީގެ ޖާގަ ވަރަށް ތަނަވަސްވެފައެވެ. އަދި މިމެޗުން ބަލިވި ނަމަވެސް ކޮނޑޭ ވޮލީ ކުލަބަށް ސެމީގެ ފުރުސަތު މުޅިން ބަންދެއް ނުވެއެވެ. މި ގުރޫޕުގައި އަދި މިދެޓީމަށް ބާކީ އެއް މެޗު އޮންނާނެއެވެ. ޓޮޕް ބްރަދާސް އިން ވާދަކުރަން ޖެހެނީ މާމެންދޫ ވޮލީ ޓީމާއެވެ. އަދި ކޮނޑޭ ވޮލީ ކުލަބު ވާދަ ކުރަން ޖެހޭނީ ވިލިނގިލީ ވޮލީ ބޯލް ކުލަބާއެވެ.
މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއި އެކު 25/15 އިން ކާމިޔާބު ކުރިއެވެ. މެޗުގެ ދެވަނަ ސެޓް ޓޮޕް ބްރަދާސްއިން ކުޅެމުން ދިޔައީ ވަރަށް އިތުބާރާއި އެކުއެވެ. މެޗުގެ ދެވަނަ ސެޓް 25/12 އިން ކާމިޔާބުކުރިއެވެ.
މެޗުގެ ތިންވަނަ ސެޓު ފަށައިގެން ކޮނޑޭ ޓީމްގެ ކުަޅުން ރަނގަޅު ކުރިތަން ފެނިގެން ދިޔައެވެ. މި ސެޓުގައި ދެޓީމްގެ ފަރާތުން ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް ޓޮޕް ބްރަދާސް ރަނގަޅު ނިންމުންތަކާއި އެކު ސެޓު 25/19 އިން ކާމިޔާބު ކޮށް ސީދާ ތިންސެޓުން މެޗު ކާމިޔާބު ކުރިއެވެ.
މެޗުގެ މޮޅުކުރުންތެރިޔަކަށް ހޮވުނީ ޓޮޕް ބްރަދާސްގެ ޖާޒީ ނަންބަރު 12 އަދި މިމެޗުގައި މޮޅުކުޅުމެއް ދެއްކި މަރިޔަމް ޝިޒާނާއެވެ.
މުބާރާތުގައި މިރޭ ފިރިހެން ޑިވިޝަންގެ ގއ ކަނޑުހުޅުދޫ އަދި ވިލިނގިލީ ވޮލީ ކުލަބު ވާދަ ކުރާނެއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 20:15 ގައެވެ.
2022 މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

