ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރެވުނު ފަސް މީހުން 30 ދުވަހަށް ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަސް މީހުންނަކީ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނުންނެވެ. އެއީ ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21އ)، މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22އ)، ޗަމޮދް ދިވަންގާ ދިލަކާވަ (22އ)، ލޮރެންސު ހެވާގީ ސަރަތު (56އ) އަދި ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމަ (37އ) އެވެ.
މި ބޯޓު އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12:45 ހާއިރު ހދ. މަކުނުދޫ ބޭރުންނެވެ. އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފެހެއްޓި މި ބޯޓު ކޯސްޓު ގާޑާއި ފުލުހުންގެ ބެލުމުގެ ދަށުން މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ކުޅުދުއްފުށި ބަނދަރަށް ގެންގޮސް ބަލައި ފާސްކުރެވުނެވެ.
ބޯޓު ބަލައި ފާސްކުރުމުން ފެނުނު މަސްތުވާތަކެތީގެ ޕްރިލިމިނަރީ ޓެސްޓު ނަތީޖާތަކުން ދައްކާގޮތުގައި އޭގެ ތެރޭގައި ހުރީ 344 ކިލޯގެ ކްރިސްޓަލް މެތާއި 124 ކިލޯގެ ކޮކެއިނެވެ. މި ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަސް މީހުން ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

