ފުރްގާން މިސްކިތުގައި ހުރި މުސްޙަފްތަކެއް އުކާލައި އެ މިސްކިތައް ގެއްލުންތަކެއް ދިން މީހާ ހައްޔަރު ކޮށްފިއެވެ.
ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފުރުގާން މިސްކިތައް ގެއްލުންތަކެއް ދިނުމާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ ގ. މާލެހިޔާ-2 (02-13) ނައުޝާދު މޫސާ (30އ.) ކިޔާ މީހެއް ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މުއްދަތު ކޮމިޓީ އިން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ދީނީ އިލްމުވެރިޔާ ޝެއިހު އާދަމް ނިޝާމް އަލީ އާދަމްގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ 24 ނޮވެމްބަރު ގެ ފަތިހުގެ ގަޑީގައި ފުރުގާނު މިސްކިތުގެ ފަހަތުގައި ހުރި މުސްހަފުތައް އެކިދިމަދިމާއަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެއަށް ޖަހާފައިހުރި އެޑަޕްޓަރުތައް ތަޅައި ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައި ހުރި ކަމަށްވެސް ޝޭހުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
މިއީ ފުރުގާނު މިސްކިތުގައި އާންމުކޮށް ނިދައި އުޅޭ، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެއް ކަމަށާއި އޭގެ ކުރިން އެތައް ފަހަރަކުވެސް އެގޮތަށް މުސްހަފުތަކަށް އިހާނެތި ގޮތްތައް ހަދައި މިފަދަ އެތައް ކަމެއް އެ މިސްކިތުގައި ކޮށްފައި ކަމަށް ވެސް ޝޭހު ތުހުމަތު ކުރައްވާފައި ވެއެވެ.

